އެމްޓީސީސީން އަލަށް ތައާރަފުކުރާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ޚިދުމަތް ތައާރަފުކުރުމަށް މުޅިން އާ ޑަބަލް ޑެކާ 15 ބަސް ގެނެސްފައިވެ އެވެ. މި ބަސްތައް ދުއްވަން ފެށުމުން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ކޮންމެ 15 މިނެޓަކުން ބަހެއް އޮންނާނެ އެވެ. މި ހިދުމަތް ތައާރަފުކޮށްދެއްވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ރޭ ބޭއްވި ހާއްސަ ހަފުލާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

އެމްޓީސީސީން ބުނީ އައު ބަސްތަކާއެކު މިހާރު މާލެއިން ހުޅުމާލޭ ދެވަނަ ފިޔަވަށްސާ ދެމެދު ބާއްވާ ބަސް ދަތުރުތަކުގެ ފްރިއުކެންސީ 1 އެއްގަޑިިއިރުން 30 މިނެޓަށް ބަދަލުވެގެންދާނެ ކަމަށެވެ. އަދި ޕީކް ގަޑިތަކުގައި ކޮންމެ 15 މިނެޓަކުން ދެވަނަ ފިޔަވަށްސަށް ބަސް ދަތުރުތައް އޮންނާނެކަމަށެވެ. މީގެ އިތުރުން، އައު ދެ ރޫޓެއް ތައާރަފުކުރެވިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެމްޓީސީސީން ބަހުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގެ ދަށުން އަލަށް ގެނައި 15 ބަހާއެކު، މި ޚިދުމަތުގައި ބޭނުންކުރާ ބަހުގެ ޢަދަދު 46 އަކަށް މިވަނީ އިތުރުވެފަ އެވެ. އޭގެ ތެރޭގައި 23 ޑަބަލް ޑެކް ބަސް، ސިޓީ ބަސް، އަދި ކޯޗް ހިމެނެ އެވެ.

ފަހުން ގެނައި 15 ޑަބަލް ޑެކް ބަހަކީ 86 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭ ބަސްތަކެކެވެ. އަދި މި ބަސްތަކުގައި ވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ އަދި މާބަނޑު މީހުންނަށް ޚާއްސަ ސީޓުތަކެއް ހިމެނެ އެވެ. އަދި ފުރޮޅުލީގޮނޑި ބޭނުންކުރާ މީހުންނަށް ވެސް ފަސޭހައިން އަރައި ފޭބޭނެހެން ރޭމްޕެއް ހިމެނެ އެވެ.