ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް މަދީނާގެ އިސްލާމިކް ޔުނިވާސިޓީން ހާއްސަ އެވޯޑެއް ދީފި އެވެ.

އެ ޔުނިވާސިޓީގައި ބޭއްވި ހާއްސަ ހަފުލާއެއްގައި "ޖާއިޒަތުލްހިއްރީޖިނައްރުއްވާދު" އެވޯޑް، ޝަހީމާ، ހަވާލު ކޮށްދެއްވީ ސަލްމާން ރަސްގެފާނުގެ ދަރިކަލުން މަދީނާގެ އަމީރު ފައިސަލް ބިން ސަލްމާނެވެ. ޑރ.ޝަހީމަށް ވަނީ އެވޯޑާއެކު އެވޯޑާއެކު 50،000 ރިޔާލް (204،665ރ.) ފައިސާގެ އިނާމެއް ވެސް ލިބިފަ އެވެ.

މި އެވޯޑަކީ މަދީނާ އިސްލާމިކް ޔުނިވަސިޓީން ކިޔެވި ދަރިވަރުންގެ ތެރެއިން، ދުނިޔޭގެ އެކި ހިސާބުތަކުގައި ފާހަގަކުރެވޭ މަސައްކަތްތަކެއްކޮށް، އިޖްތިމާއީ ގޮތުންނާއި އެކި ގޮތްގޮތުން ހިދުމަތް ކުރައްވާ ބޭފުޅުންނަށް ދޭ އެވޯޑެކެވެ.

އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ކަމާއި ޗާންސެލަރުކަން ވެސް ކުރެއްވި މަދީނާ ޔުނިވާސިޓީން ޝަރީއާގެ ފުރަތަމަ ޑިގްރީ އަށް ކިޔަވައި ވިދާޅުވާން ފެއްޓެވީ 2001 ވަނަ އަހަރު އެވެ. އޭގެ ފަހުން މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އަދި ޕީއެޗްޑީ ހާސިލްކުރެއްވި އެވެ.

އޭނާ ޕީއެޗްޑީ ތީސިސް ލިޔުއްވީ ރާއްޖޭގައި ޒަކާތުގެ ހަރުދަނާ މާލީ ނިޒާމެއް ގާއިމުކުރުމާ ބެހޭ ގޮތުންނެވެ.

ޝަހީމަށް މީގެ ކުރިން ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ (އައިއައިޔޫއެމް)ގެ ކުރީގެ ދަރިވަރުންނަށް ދޭ ޝަރަފްވެރި އެވޯޑު ލިބިވަޑައިގެންފަ އެވެ.

ޝަހީމް އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި އިސްލާމިކް މިނިސްޓަރުކަމުގެ އިތުރުން ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ކަމާއި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މުޝީރުގެ މަގާމު ވެސް ހިމެނެ އެވެ.