އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އެ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު ވާދަކުރައްވަން ނިންމަވައިފި އެވެ.

އެމްޑީއޭގެ އިސް ބޭފުޅަކު މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ސިޔާމު ވާދަކުރެއްވުމަށް ނިންމަވާފައިވާތީ ޕާޓީގެ މެންބަރުންގެ އަދަދު އިތުރުކުރުމަށްވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހާއްސަ ހަރަކާތްތަކެއް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. އަދި އެމްޑީއޭގެ އަމާޒަކީ ރިޔާސީ އިންތިހާބަށް ސިޔާމް ނިކުމެވަޑައިގަތުމުގެ ކުރިން ޕާޓީގެ މެންބަރުން 10،000 މައްޗަށް ގެންދިއުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެމްޑީއޭގައި މިވަގުތު ތިއްބެވީ 6،769 މެންބަރުންނެވެ.

އެ ބޭފުޅާ ވިދާޅުވީ އެމްޑީއޭގެ ލީޑަރަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މިހާރު އެންމެ ނުފޫޒު ގަދަ ޝަހްސިއްޔަތު ކަމަށެވެ. އަދި ސިޔާސީ ދާއިރާގައި ވެސް މަސައްކަތް ކުރައްވާތާ 20 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާތީ ރިޔާސީ އިންތިހާބުގައި ސިޔާމު ވާދަކުރައްވަނީ ތަޖުރިބާގެ އަލީގައި ގައުމަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ކަމުގެ ޔަގީންކަމާ އެކު ކަމަށް ވެސް ވިދާޅުވި އެވެ.

އެ ބޭފުޅާ ވިދާޅުވީ، އެ ޕާޓީގެ ކެންޑިޑޭޓް ނިންމާނީ، ޕާޓީ ވަރުގަދަކުރުމަށް ފަހު، ވަރަށް އަވަހަށް ބާއްވާ އޯޑިނަރީ ކޮންގްރެސްގަައި ކަމަށެވެ. ރިޔާސީ ރޭހަށް ނުކުންނެވުމުގެ ޝައުގުވެރިކަން ޕާޓީގެ ލީޑަރު ފާޅުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.