މާލެ ސިޓީ ކައުންސިލުން ބާއްވާ ދެ ވަނަ ރައްޔިތުންގެ ބައްދަލުވުން ޖުލައި މަހުގައި ބޭއްވުމަށް ނިންމައިފި އެވެ.

ކައުންސިލްތަކުން ބާއްވަން ގާނޫނުގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން މާލެ ސިޓީ ކައުންސިލުން މިއަހަރު ބާއްވާ ދެވަނަ ބައްދަލުވުމާ ގުޅޭ ގޮތުން މޭޔަރު މުއިއްޒު ވިދާޅުވީ މިބައްދަލުވުން އަންނަ މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެދުވަހުގެ ރޭ 20:30 ގައި އެ ބައްދަލުވުން ބޭއްވުމަށް ނިންމާފައިވަނީ ލޮނުޒިޔާރަތް ޕާކުގައި ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ މި ބައްދަލުވުމަކީވެސް މީގެ ކުރީގެ ބައްދަލުވުންތަކެކޭ އެއްފަދައިން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރައްޔިތުން ދެއްވަން ބޭނުންވާ ހިޔާލުތަކަށް ފުރުޞަތު ހުޅުވާލެވިގެން ކުރިއަށްދާނެ ބައްދަލުވުމެއްކަމުގަ އެވެ.

"މި ބައްދަލުވުމަކީ ރައްޔިތުންގެ ފަރާތުން ދެއްވަން ބޭނުންވާ ހޔާލުތަކަށް ފުރުސަތުދެވިގެން ދާނެ ބައްދަލުވުމެއް“ މޭޔަރު ޑރ.މުއިއްޒު ވިދާޅުވި އެވެ.

ޖުލައި މަހުގެ ބައްދަލުވުމާއި ގުޅޭގޮތުން މޭޔަރު އިތުރަށް ވިދާޅުވީ ބައްދަލުވުމުގައި ކައުންސިލްގެ މަސައްކަތްތަކާއި ކުރިއަށް އޮތް އަހަރަށް ކައުންސިލުން ރާވާފައިވާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ކައުންސިލްގެ އިދާރީ ހިންގުމަށް އަންނަ ބޮޑު ބަދަލެއް އެރޭގެ ބައްދަލުވުމުގައި ފެނިގެންދާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

އެގޮތުން މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ރައްޔިތުންގެ ބައްދަލުވުމުގައި އިފްތިތާޙް ކުރެވިގެން ދާނެކަމަށް މޭޔަރުވަނީ ވިދާޅުވެފަ އެވެ.

"މާލެ ސިޓީ ކައުންސިލްގެ އިދާރީ ދާއިރާގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކައުންސިލްގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް މި ބައްދަލުވުމުގައި އިފްތިތާޙް ކުރެވިގެން ދާނެ“ މުއިއްޒު ވިދާޅުވި އެވެ.

މޭޔަރުވަނީ ވީހާވެސް ގިނަ ރައްޔިތުންނަށް މި ބައްދަލުވުމަށް ވަޑައިގެންނެވުމަށް ދައުވަތު އަރުވާފަ އެވެ.