ސަރުކާރުން ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ގެނައި ބަދަލުތަކާ ގުޅިގެން، ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ އާއި ސާވިސް ޗާޖު ދިނުން ހުއްޓާލަން ނިންމަމުންދާތީ އެކަމާ ދެކޮޅަށް ރިސޯޓު މުވައްޒަފުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
މި ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް އިސްނަގައިގެން ކުރިއަށްގެންދަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކުރުމަށް ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިންނެވެ.
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ ދިވެހި ރުފިޔާއަށް މާރުކުރަން ޖެހޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށަން ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުން ފެށިގެންނެވެ. ރިސޯޓު ވިޔަފާރިވެރިންގެ ބޮޑެތި ކަންބޮޑުވުންތަކާ އެކުވެސް މި ބަދަލު ގެނައުމާ ގުޅިގެން، މުވައްޒަފުންގެ މުސާރަ ރުފިޔާއިން ދޭން ނިންމުމަކީ އެ ފަރާތްތަކަށް ލިބޭނެ ބޮޑު ގެއްލުމެއްގެ ގޮތުގައި ޓީމުން ފާހަގަކުރެއެވެ.
މި މައްސަލައިގައި ފެށި ކެމްޕޭނުގެ ދަށުން ތައްޔާރުކޮށްފައިވާ ޕެޓިޝަނުގައި ބުނެފައިވަނީ، ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ އާއި ސާވިސް ޗާޖު ލިބުން ހުއްޓުވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ވަގުތުން ހުއްޓާލަން ޖެހޭނެ ކަމަށެވެ. އަދި ޓީމްގެ މެންބަރު ރިސޯޓުތަކުގެ އިތުރުން، އެ ޖަމިއްޔާގައި ނުހިމެނޭ އެހެން ރިސޯޓުތަކުގެ މުވައްޒަފުން ވެސް މި ޕެޓިޝަނުގައި ބައިވެރިވުމަށް ވަނީ އެދިފަ އެވެ. މި ޕެޓިޝަނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ޓީމްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.
ޓީމް އިން އިތުރަށް ބުނެފައިވަނީ، މުވައްޒަފުންގެ އެއްވެސް އިހުމާލެއް ނެތް ކަމެއްގެ ތަކުލީފު އެމީހުން އުފުލަން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ބޭންކުތަކުން ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ހާލަތެއްގައި މުސާރަ ރުފިޔާއަށް ބަދަލުކުރުމަށް އެއްބަސްނުވެވޭނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ.
އެހެންކަމުން، ރިސޯޓު މުވައްޒަފުންގެ އާމްދަނީއަށް އަސަރުކުރާ ފަދަ ނިންމުންތައް ނިންމަންވާނީ ހުރިހާ ފަރާތްތަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހު އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައި ކަމަށާއި، ޑޮލަރުގެ ތާށިކަން ހައްލުކުރުމަށް ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ވެސް ޓީމް އިން ވަނީ ގޮވާލާފަ އެވެ.
ރައީސް އޮފީހުގެ ކުރީގެ މުވައްޒަފުގެ ޕާސްޕޯޓް ހިފަހައްޓައިފި
ނޭޓޯގެ ގައުމުތަކަށް ރަޝިއާއިން ހަމަލާއެއް ނުދޭނެ: ޓްރަމްޕް