މުޖުތަމައެއްގައި ހަރުކަށި ފިކުރަށް ޖާގަ ދެވިގެން ނުވާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ ބައިނަލް އަގުވާމީ ޔޯގާ ދުވަހާ ގުޅިގެން ހިންގި ހަރަކާތްތަކަށް ހުރަސް އަޅާ ހަމަނުޖެހުން ހިންގާފައިވާ ދަނޑިވަޅެއްގަ އެވެ.

އަސްލަމް ކުރެއްވި ޓުވީޓުގައި ވަނީ ހައްދުފަހަނައެޅި ހަރުކަށި ފިކުރަކީ މުޖުތަމައުގައި އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިފަދަ އަމަލުތައް ހިންގަނީ، ކުށްކުރާ މީހަކަށް ވިޔަސް، ދީނީ އިލްމުވެރިއެއް ކަމަށްވިޔަސް ސިޔާސީ މީހެއް ކަމަށްވިޔަސް އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށެވެ.

އަސްލަމް މިހެން ވިދާޅުވެފައިވާ އިރު ޔޯގާ ހަމަނުޖެހުމާ ގުޅިގެން މިހާތަނަށް 14 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ދެ އިލްމުވެރިއަކު ވެސް ހިމެނެ އެވެ. އެއީ ޝައިހު އާދަމް ނިޝާން އާއި ޝައިހު ފަޒްލޫން މުހައްމަދެވެ.