ލިވާތު ކުރުމާއި، ގިނަ ބަޔަކު އެކުވެގެން ހިންގާ އެފަދަ ފާހިޝް އަމަލުތައް މުޖުތަމައުގައި ގިނަވަމުން އަންނާތީ އެފަދަ މުންކަރާތައްތައް ހުއްޓުވުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ދެ ކުއްލި މައްސަލަ އެޖެންޑާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެކޮޅު ހައްދަވައިފި އެވެ.

މިމައްސަލަ ހުށައެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް އެވެ.

މިމައްސަލައިގައި ވަނީ ލިވާތުކުރުމާއި ގިނަބަޔަކު ބައިވެރިވެގެން ޖިންސީ ގުޅުންހިންގުންފަދަ ބިރުވެރި ފާހިޝް ޢަމަލުތައް މުޖްތަމަޢުގައި ހިނގަމުންދާތީ އެކަންކަން ހުއްޓުވާ މިފަދަ ޢަމަލުތައް ހިންގާފަރާތްތަކަށް އިސްލާމީ ޝަރީޢަތުގައި ވާގޮތުގެ މަތިން އަދަބުދީ މިފަދަ މުންކަރާތްތައް ވަގުތުން ހުއްޓުވުމަށް ސަރުކާރަށް ގޮވާލާ މައްސަލައެއް ކަމަށެވެ.

ދިިވެހިރާއްޖެފަދަ ސައްތަ އިން ސައްތަ މުސްލިމް ޤައުމެއްގައި ފަހަކަށް އައިސް ކަންބޮޑުވާ މިންވަރަށް ލިވާޠުކުރުމާއި ގިނަބަޔަކު ބައިވެރިވެގެން ޖިންސީ ގުޅުން ހިންގުންފަދަ ބިރުވެރި ފާޙިޝް ޢަމަލުތައް ގިނަވެ، މިފަދަ ޢަމަލުތައް ކުރަމުންދާކަން ފޮޓޯތަކުންނާއި ވީޑިއޯތަކުން ފެންނަމުންދާ ކަމަށް މިމައްސަލަލއިގައި ވެ އެވެ.

"މިފަދަ ކުށްތަކަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ ބޮޑެތި ކުށްތައް ކަމަށްވާތީއާއި މިއީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއާއި ޚިލާފު ކަމަކަށްވާތީއާއި އަދި އިސްލާމީޝަރީއަތާއި ޚިލާފު، އިސްލާމީ މުޖްތަމައެއްގައި ހާއްސަކޮށް ރާއްޖެފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ކުރެވިގެން ވާނެ ކަމަކަށް ނުވާތީއާއި، އެއްޖިންސުން ގުޅުން ހިންގުމަކީ ގާނޫނުލް އުގޫބާތުގެ 411ވަނަ މާއްދާގެ (ހ)ގެ 2 ގައި ކަނޑައެޅިގެން ކުށެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކަމަކަށް ވާތީ" މި މައްސަލައިގައި ބުނެފައިވެ އެވެ.

އިސްލާމް ދީނުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ މިފަދަ ފާޙިޝް ކަންތައްތައް އިތުރުވެ، މުޖްތަމައުގައި ޝިރުކު ފެތުރިގެން ދިއުމަކީ ސައްތައިން ސައްތަ މި އިސްލާމީ ގައުމުގެ ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމަކަށްވާތީއާއި، މިފަދަ ކަންކަން ޢާއްމުވުމުގެ ސަބަބުން މުޖްތަމަޢުގެ އިޖްތިމާޢީ ފޭރާން ވީދި، އަހްލާގިއްޔަތު ނެތިގެންގޮސް މި ދިވެހި ގައުމުގެ މުސްތަގްބަލް ހަލާކުވެ ނެތިގެން ހިނގައިދާނެތީ ވަކި ފަރާތަކަށް ބެލުމެއްނެތި މިފަދަ ވިޔާނުދާ ހަޑިމުޑުދާރު އަމަލުތައް ހިންގާ ފަރާތްތަކާމެދު އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ގާނޫނުތަކުގައިވާ ގޮތުގެ މަތިން އަދަބު ދިނުމަށާއި، މިއީ ނުރައްކާތެރި ކަމެއްގެ ގޮތުގައިދެކި މިފަދަ މުންކަރާތްތައް ހުއްޓުވުމަށް ވަގުތުން ފިޔަވަޅު އެޅުމަށް މި މައްސަލައިގައި ގޮވާލާފައިވެ އެވެ.

ރައީސް ނަޝީދު ވިދާޅުވީ މިފަދަ ދެ މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި ނަމަވެސް އެ މައްސަލަތަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އާންމުވެފައިވާ ފޮޓޯތަކުގެ ސައްހަކަންވެސް ކަށަވަރު ނުވާކަމަށެވެ. "ފޮޓޯއެއްގެ ޗެއިން އޮފް ކަސްޓަޑީއެއް، ނުވަތަ ފޮޓޯ އުފެދިފައި އޮތް ގޮތާއި، އެފެދިފައި އޮތް ހަމަތައް ދެނެނުގަނެ، އެހެން މީހެއްގެ އަބުރާއި އިއްޒަތަށް ގެއްލުން ލިބޭ ގޮތަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އަމަލު ކުރުމަކީ އެއްވެސް މުއައްސަސާއަކުން ޖާގަ ދޭނެކަމެއް ނޫން" ނަޝީދު ވިދާޅުވި އެވެ.

މިކަމާގުޅޭ ދެވަނަ މައްސަލަ ހުށައެޅުއްވީ ނޮޅިވަރަމްދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މޮސްޓާ އެވެ. ނަމަވެސް އެ މައްސަލަ ރައީސް ނަޝީދު ވަނީ އެޖެންޑާ ކުރުމަށް ހުރަސް އަޅުއްވާފަ އެވެ.

މީގެ ދެދުވަސް ކުރިން ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތަރު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާއްމު ވެފައިވާއިރު، މަޖިލިސްމެމްބަރު އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ނައިބު ރައީސް އެހެން ފިރިހެނަކާ އަދި އަންހެނަކާއެކު ބަރަހަނާ ހާލުގައި އެނދެއްގެ މަތީގައި ތިބި ފޮޓޯވެސް ވަނީ އާއްމުވެފަ އެވެ.