މިދިޔަ ހަފްތާގައި ރާއްޖެއިން 1،202 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފި އެވެ.

ކޮވިޑްގެ އޮމިކްރޯން ވޭރިއެންޓްގެ ސަބްވޭރިއަންޓެއް ވަރަށް ހަލުއިކަމާއެކު ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިދުވަސްވަރު ދަނީ ފެތުރެމުންނެވެ. އަދި އެއާއެކު ރާއްޖެއިން ވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވޭތުވެދިޔަ ދެ ހަފުތާގައި އިތުރުވަމުންދާތީ ޑޮކްޓަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

އެޗްޕީއޭއިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ހޮނިހިރުގެ ނިޔަލަށް ރާއްޖެއިން 1،202 މީހަކުވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ މީގެ ކުރީ ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދާއި އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. މީގެ ކުރީ ހަފްތާގައި ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 405 މީހުންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ ހަފްތާގައި މާލެ ސަރަޙައްދުން 528 މީހަކު ޕޮޒިޓިވްވެފައިވާއިރު އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވީ 452 މީހުންނެވެ. އަދި އެހެނިހެން ސަރަޙައްދުތަކުން ޕޮޒިޓިވްވީ 222 މީހުންނެވެ.

ކޮވިޑް ޖެހިގެން އެޑްމިޓްކުރަމުންދާ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ ހަފްތާގައި ބައްޔަށް ޕޮޒިޓިވްވެގެން 51 މީހަކު ވަނީ އެޑްމިޓްކޮށްފަ އެވެ.

ގިނަ މަސްތަކަށް ފަހު ވޭތުވެދިޔަ ދެ ހަފްތާ ތެރޭ ރާއްޖޭގައި ކޯވިޑް ބަލީގައި އިތުރު ބަޔަކު ވެސް ވަނީ ނިޔާވެފަ އެވެ. މިއާއެކު ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 305އަށް އަރާފަ އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 181،586 އަރާފަ އެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވާން ފެށުމުން ބޭރު ތެރޭގައި އުޅޭއިރު މާސްކް އެޅުމަށާއި ރައްކާތެރިކަމުގެ ގޮތުން އާއްމު ސާފުތާހިރުކަމަށް އިސްކަންދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.