ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލްކޮށްފި އެވެ.

ވ. އާރަށް މައްސަލާގައި ޔާމީނަށް ކުރާ ދައުވާތަކުގެ ހެކިބަސް ނަގަން މިއަދު ހެނދުނަށް ތާވަލްކުރި އަޑުއެހުން ކެންސަލްކުރީ ޔާމީންގެ ވަކީލުން ހައި ކޯޓުގައި އެހެން މައްސަލައެއް މިއަދު އޮތުމުންނެވެ.

އެ މައްސަލާގެ އެންމެ ފަހުގެ އަޑުއެހުން ކެންސަލްކުރީ ޔާމީނާ އެކު ދައުވާލިބޭ ޔޫސުފް ނައީމްގެ ވަކީލް ބަލިވުމުންނެވެ.

މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ތުހުމަތު ކުރަނީ ޔާމީނަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ދިން ކަމަށެވެ. އަދި ޔާމީނަށްް ތުހުމަތު ކުރަނީ އެ ފައިސާ ގަބޫލު ކުރައްވައި، މަނީ ލޯންޑާ ކުރެއްވި ކަމަށެވެ.

އެ މައްސަލާގައި ކުށް ސާބިތުވެއްޖެ ނަމަ ޔާމީން ފަސް އަހަރަށް ޖަލަށްލުމާ އެކު ޖޫރިމަނާކުރަން ހުކުމް ކުރާނެ އެވެ.