ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އެންމެ ފަހުން ބޭއްވި ހަރަކާތާ ގުޅޭ މައުލޫމާތު ފުލުހުންނާ ހިއްސާކޮށް ސަލާމަތީ ކަންކަން ބެލެހެއްޓުމާ ގުޅޭގޮތުން މައުލޫމާތު ދީފައިވާނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހްލޫފް މިހެން ވިދާޅުވީ އެ ދުވަހުގެ ހަރަކާތް ކުރިއަށް ދަނިކޮށް ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ދުވަހުގެ ހަރަކާތުގެ ސެކިއުރިޓީއާ ގުޅޭ މައުލޫމާތު ފުލުހުންނާ ހިއްސާކުރިންތޯ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު މަހްލޫފް ވިދާޅުވީ ޔޫތު މިނިސްޓްރީން ބާއްވާ ބޮޑެތި ހުރިހާ ހަރަކާތްތަކުގެ މައުލޫމާތު ހިއްސާކޮށް އަދި ކޮންމެ ހަރަކާތަކަށް ވަކިން ސެކިއުރިޓީއާ ގުޅޭގޮތުން ފުލުހުންނާ ހިއްސާ ކުރައްވާ ކަމަށެވެ. އެގޮތުން ޔޯގާ ދުވަސް ފާހަގަކުރުމަށްޓަކައި އެކަމާ ގުޅޭ މައުލޫމާތު ވެސް ހިއްސާކުރައްވާފައިވާނެ ކަމުގައި ވިދާޅުވި އެވެ.

"ސެކިއުރިޓީ މައުލޫމާތު ހިއްސާކުރުމަށް ބާއްވާ މީޓިންގައި ދައްކަން ޖެހޭ ހުރިހާ ވާހަކަތަކެއް ހުންނާނީ ދައްކާފައި،" މަހްލޫފް ވިދާޅުވި އެވެ.

ނަމަވެސް މިހާދިސާގައި ކަން ހިނގާދިޔަ ގޮތް ހާމަކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ސަފީރުން ބައިވެރިވާކަން ފުލުހުންނަށް ނޭނގޭ ކަމަށާއި އެކަން އެނގުނުނަމަ އެ ހަރަކާތް ބޭއްވި ގަލޮޅު ދަނޑުގެ ސެކިއުރިޓީ ކަންކަން ވަރުގަދަ ކުރީސް ކަމަށެވެ. އޭނާ ވިދާޅުވީ، ބޭރު ގައުމުތަކުގެ ސަފީރުންނާއި، ޑިޕްލޮމެޓުންނާއި އެހެނިހެން ހައި ޕްރޮފައިލް މީހުން އެ ހަރަކާތުގައި ބައިވެރިވާކަން ފުލުހުންނަށް އެނގުނީ އެތަނަށް ދިޔަ ފަހުން ކަމަށެވެ. އަދި ކުރިއާލާ އެ މައުލޫމާތު ލިބިފައިވާނަމަ، ސަލާމަތީ ކަންކަން އިންތިޒާމްކުރާނީ ތަފާތު ގޮތަކަށް ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

މިކަން ހިނގައިދިޔައީ ފުލުހުންގެ ފެއިލިއާއަކުންކަމަށް ގަބޫލު ކުރާކަމަށްވެސް ފުލުހުން ބުންޏެެވެ. ފުލުހުންނަކީ މާލޭގައި ހިންގި މިއަށްވުރެ މާބޮޑު ހަމަނުޖެހުންތަކާއި، މުޒާހަރާތައް ހުއްޓުވުމުގައި ވަރަށް ޕްރޮފެޝަނަލްކޮށް މަސައްކަތް ކޮށްފައިވާ ބައެއްކަމަށެވެ. ނަމަވެސް މިހާދިސާއަށް ފުލުހުންނަށް އެވަރަށް ތައްޔާރު ނުވެވި ނުހުއްޓުވުމަކީ ފުލުހުންގެ ފެއިލިއާއެއްކަމަށް އޭނާ ވިދާޅުވި އެވެ.