ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން ޝައިހް ނިޝާންގެ ބަންދުގެ މުއްދަތު 13 ދުވަހަށް އިތުރު ކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ފުރަތަމަ ނިޝާން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ހަތް ދުވަހަށެވެ. އޭގެ ފަހުން ދިނީ ތިން ދުވަހުގެ މުއްދަތެވެ. އެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުން އިތުރު 13 ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި އެ ހަމަނުޖެހުންތަކުގައި އެންމެ އިސް ދައުރެއް އަދާކުރާ އެކަކަކީ ނިޝާން އެވެ. ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއަށް ވަދެގަނެ، އެކަން ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދީނީ އިލްމުވެރިން ކަމަށްވާ ފަޒްލޫން މުހައްމަދާއި ނިޝާންގެ ދީނީ އިރުޝާދު ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ހިފަހައްޓާފަ އެވެ.

މި މައްސަލައިގައި ޝައިހް ފަޒްލޫން ވެސް ހުރީ ހައްޔަރުކޮށްފަ އެވެ.