ކުރިއަށް އޮތް 20 އަހަރުގެ ތެރޭ ރަސްމާލޭގައި ދެ ލައްކަ މީހުން އާބާދުކުރުމުގެ އަމާޒުގައި އެ ރަށުގެ މާސްޓާޕްލޭން ތައްޔާރުކޮށް ދޭނެ ބަޔަކު ހޯދުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު އިއާލާންކޮށްފި އެވެ.

މި ބޮޑު މަޝްރޫއުގެ ދަށުން ރަސްމާލޭގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލައި، ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ރައްކާތެރި، ތިމާވެއްޓާ ރައްޓެހި ސިޓީއެއްގެ ގޮތުގައި އެ ތަން ބިނާކުރުމަށް ބޭނުންވާ ފަންނީ ލަފަޔާއި ޒޯނިން ގަވާއިދުތައް ހަދާނެ ދިވެހި ކުންފުންޏެއް ހޯދުމަށް ވަނީ ހުޅުވާލާފަ އެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 10:00 އެވެ.

ކޮންސަލްޓަންޓުން ހޯދުމަށް ނެރުނު އިއުލާނުގެ ޓީއޯއާރުގައިވާ ގޮތުން، ރަސްމާލެ ތަރައްގީކުރާނީ 1,010 ހެކްޓަރުގެ ބިމެއްގަ އެވެ. މިއީ ފުށިދިއްގަރު ފަޅުން 1,153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ސަރުކާރުން ކުރިން ބުނި އަދަދަށްވުރެ މަދު މިންވަރެކެވެ.

މި ސިޓީގެ މާސްޓަޕްލޭންގެ މައިގަނޑު އަސާސަކީ މޫސުމީ ބަދަލުތަކުންނާއި ކާރިސާތަކުން ކުރިމަތިވާ ގޮންޖެހުންތަކަށް ކެތްކުރެވޭނެ ފަދަ ގޮތަކަށް ފަރުމާކުރުމެވެ. އެގޮތުން ރަސްމާލޭގެ ކަރަންޓު ގްރިޑް މައިގަނޑު ގޮތެއްގައި އިއާދަކުރަނިވި ހަކަތައިން އޮޕަރޭޓުކުރާއިރު، އެ ރަށުގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމު ބައްޓަންކުރާނީ ކާބަން-ނިއުޓްރަލް އުސޫލުންނެވެ.

މި މަސައްކަތް ހަވާލުކުރެވޭ ކުންފުނިން ރެޒިޑެންޝަލް، ކޮމާޝަލް، ސިވިކް، އިންޑަސްޓްރިއަލް، ކަލްޗަރަލް އަދި ރެކްރިއޭޝަނަލް ޒޯނުތައް ހިމެނޭހެން ޕްލޭން އެކުލަވާލަން ޖެހެ އެވެ. އަދި އިމާރާތްތަކުގެ އުސްމިނާއި ސަބްޑިވިޝަން ސްޓޭންޑާޑްތައް ވެސް ކަނޑައަޅަން ޖެހޭނެ އެވެ. މަސައްކަތުގެ ތާވަލުވާ ގޮތުން، ފުރަތަމަ ދެ ހަފްތާއެއް ނުވަތަ ތިން ހަފްތާގެ ތެރޭގައި ލޭންޑް ޔޫސް ޕްލޭނާއި ޑްރާފްޓް މާސްޓާޕްލޭން ހުށަހަޅަން ޖެހޭއިރު، މުޅި މަސައްކަތް ހަވާލުކުރާތާ ހަ ހަފްތާއާއި އަށް ހަފްތާގެ ތެރޭގައި ފައިނަލް މާސްޓަޕްލޭން ނިންމަން ޖެހެ އެވެ.

ރަސްމާލެ ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ ޑިސެމްބަރު 18، 2023 ގަ އެވެ. އެއީ އަށް މަސްދުވަހުގެ ތެރޭގައި އެއްކޮށް ހިއްކައި ނިންމާނެ ކަމަށް ވައުދުވެގެން ފެށި މަޝްރޫއެކެވެ. ނަމަވެސް މަސައްކަތް ފެށިތާ މިއަދަށް ދެ އަހަރާއި ހަ މަސްދުވަސް ވެފައި ވާއިރު، މި މަޝްރޫއު އެއްކޮށް ނިންމާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ފަސްވަނަ ތާރީހެއް ދެއްވާފަ އެވެ. އެގޮތުން ރައީސް މިހާރު ކަނޑައަޅުއްވާފައިވާ އައު ސުންގަޑިއަކީ މި އަހަރުގެ ނިޔަލަށެވެ.