މިދިޔަ ހަފްތާ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 700 އަށް ދަށްވެއްޖެ އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދުތައް މިދިޔަ ދެ ހަފުތާގައި ވަރަށް ބޮޑަށް މައްޗަށް ދިއުމަށްފަހު މިދިޔަ ހަފުތާގައި ވަނީ ދަށްވާން ފަށައިފަ އެވެ. އެގޮތުން ޖޫން 25 ން ޖުލައި 2 އަށް 1.134 މީހުން ޕޮޒިޓިވްވެފައިވެ އެވެ. އަދި އޭގެ ކުރީ ހަފުތާގައި 1،202 މީހުން ޕޮޒިޓިވްވި އެވެ.

ކޮވިޑް ޖެހޭ މިންވަރު ދަށްވިއިރު، ބަލި ޖެހިގެން ފަރުވާ ދޭން އެޑްމިޓްކުރި މީހުންގެ އަދަދު ވެސް ވަނީ ދަށްވެފަ އެވެ.

މިދިޔަ ހަފުތާގައި 771 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 192 މީހެކެވެ. އަދި އޭގެ އިތުރުން އަތޮޅު ތެރެއިން 304 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، 275 މީހަކު ރިސޯޓްތަކުންނާއި، ސިނާއީ ރަށްތަކުންނާއި، ސަފާރީ އުޅަނދުތަކުން ޕޮޒިޓިވްވެފައިވެ އެވެ.

ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުގައި ކޮވިޑް ޖެހިގެން ފަރުވާ ދިނުމަށް އެޑްމިޓްކުރި މީހުންގެ އަދަދު ވެސް ވަނީ ދަށްވާން ފަށައިފަ އެވެ. އެގޮތުން މިދިޔަ ހަފުތާގައި އެ އަދަދު ވަނީ 54 ން 31 އަށް ދަށްވެފަ އެވެ.

މި ބަލި 183،491 މީހަކަށް ޖެހިފައިވާއިރު 307 މީހަކު މަރުވެފައިވެ އެވެ.

ކޮވިޑް ނަމްބަރު ދަށްވާން ފެށިއިރު، ރާއްޖޭގެ އާބާދީގެ 84.9 ޕަސެންޓަށް ދެ ޑޯޒްގެ ވެކްސިން ދީފައިވާއިރު، ބޫސްޓާގެ އެއް ޑޯޒު 36.4 ޕަސެންޓް އަދި ބޫސްޓާގެ ދެވަނަ ޑޯޒް ވެސް 689 މީހަކަށް ދީފައިވެ އެވެ.