ސްރީލަންކާގެ ރައީސް ގޯޓަބަޔަ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމުގެ ޒިންމާ ދިވެހި ސަރުކާރުން ނަގަންޖެހޭނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރަގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މެމްބަރު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަކީ ރައީސް މުހައްމަދު ނަޝީދު ބޭނުންހާ ގޮތަކަށް ކަންތައްތައް ކުރަން ލިބިފައިވަ މަގާމެއް ނޫން ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ބޭނުންވި ނަމަވެސް ކުރެއްވޭނެ ކަންކަމާއި ނުކުރެއްވޭނެ ކަންކަން ހުންނާނެ ކަމަށާއި، ހުދޫދުން ބޭރުން ކަންކަން ކުރުމުގެ ބާރު މަޖިލިސް ރައީސަށް ލިބިގެން ނުވާކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. އަދި މިއަދު ލަންކާގެ ރައްޔިތުންގެ ނިންމުމާއި ދެކޮޅަށް ދިވެހި ސަރުކާރުން ދީފައިވާ އެއްބާރުލުމުގެ ޒިންމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނަގަން ޖެހޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"ސްރީ ލަންކާ ރައްޔިތުންގެ ނިންމުމަށް އިޚުތިރާމް ކުރައްވާ. މަޖިލިސް ރައީސް ބޭނުންފުޅު ވިޔަސް، ނުކުރެއްވޭނެ ކަންކަން ހުންނަވާނެ. ސްރީލަންކާ ރައްޔިތުންގެ ވިންދާއި ދެކޮޅަށް ރާއްޖެއިން ކުރާ ކަންކަމުގެ ފުރިހަމަ ޒިންމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނަންގަވަންޖެހޭ،" ޝިޔާމް ވިދާޅުވި އެވެ.
ލަންކާއަށް ކުރިމަތިވި އިގުތިސާދީ ކާރިސާގެ ސަބަބުން އެ ގައުމުގެ ރައްޔިތުންގެ ނުރުހުމާއި ނަފުރަތު އަމާޒުވެފައިވާ އެ ގައުމުގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސަ ގައުމު ދޫކުރައްވައި ފިއްލެވުމަށް ރާއްޖެ ވަނީ ވަޑައިގަތްފަ އެވެ. މިކަމާ ގުޅިގެން ދިވެހިންނާއި ލަންކާގެ ރައްޔިތުންގެ ނުރުހުން ރައީސް ނަޝީދަށާއި ދިވެހި ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
ލަންކާގެ ރައީސް ގޯޓަބަޔަ ރާއްޖެ ވަޑައިގަތް މައްސަލައިގައި ދިވެހި ސަރުކާރާއި ރައީސް ނަޝީދު ވެސް އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
ސްރީލަންކާގެ ރައީސް މިއަދުން ފެށިގެން އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމަށް ފަހު ގައުމު ދޫކުރައްވައި ފުރާވަޑައިގެންނެވީ، އެ ގައުމުގެ އިގުތިސޯދީ ހީނަރުވުމުން ރައްޔިތުން ނުކުމެ މުޒާހާރާކޮށް، ރައީސްގެ ގަނޑުވަރާއި އޮފީސް ހިސޯރުކުރުމުންނެވެ.