ސްރީލަންކާގެ ހަލާތު ގޯސްވެފައިވަނިކޮށް އެ ގައުމުގެ ރައީސް ގޯޓަބަޔަ ރާޖަޕަކްސް ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމަށް ދިވެހި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައިވާތީ އެކަން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުށްވެރިކޮށްފި އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ފިއްލަވައިގެން ދިވެހި ސަރުކާރާއި އަސްކަރިއްޔާގެ ހިމާޔަތުގައި ރާއްޖެ ގެނައުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މިކަމަކީ ދިވެހި ރައްޔިތުން އެއްގޮތަކަށް ވެސް ބަލައިގަންނާނޭ ކަމެއް ނޫން ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފަ އެވެ.
މިކަމުގައި ދިވެހި ސަރުކާރުން އަމަލުކޮށްފައިވާ ގޮތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ވަނީ ގޮވާލައްވާފަ އެވެ. އަދި ރާއްޖޭގެ ވައިގެ ސަރަހައްދަށް އަސްކަރިއްޔާގެ ބޯޓެއް ވަދެވޭނީ އެމްއެންޑީއެފްގެ ހުއްދައާ ވެސް އެކު ކަމަށް ވާތީ، މިކަމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ދިވެހި ރައްޔިތުންނަށް ޖަވަބުދާރީވުމަށް ވެސް އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.
"އަސްކަރީ މަތިންދާ ބޯޓަކަށް ރާއްޖޭގެ ސަރަޙައްދަށް ވަދެވޭނީ އެމްއެންޑީއެފްގެ ހުއްދައާއިވެސް އެކުކަމަށްވާތީ، މިކަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ދިވެހި ރައްޔިތުންނަށް ޖަވަބުދާރީވުމަށް ގޮވާލަމެވެ. ހަމައެއާއެކު މިޖަރީމާ ހިންގާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގުޅިގެންކަން ވަރަށް ފާޅުކަން ބޮޑުކޮށް އެނގެން އޮތުމާއެކު، މިކަމުގެ ހަގީގަތް ހާމަކޮށްދެއްވައި ދިވެހި އަދި ލަންކާ ރައްޔިތުންނަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޖަވާބުދާރީވުމަށް ގޮވާލަމެވެ." ޕީޕީއެމް/ޕީއެންސީ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ޕީޕީއެމްގެ ބަޔާނުގައި ވަނީ ލަންކާގައި ތިބި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އަވަސް ފިޔަވަޅުތައް އެޅުއްވުމަށް ވެސް ގޮވާލާފަ އެވެ. އަދި ލަންކާ ރައްޔިތުންގެ ވިންދާއި އިހްސާސްތަކާއި ދެކޮޅަށް ދިވެހި ސަރުކާރުން އަމަލުކޮށް އެ ގައުމުގެ ރައީސް އަށް ހިމާޔަތް ދިނުމުގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ އެތައް ހާސް ދިވެހިން ނުރައްކަލަށް ހުށަހެޅިގެން ދިޔުމުގެ ޒިންމާ ދިވެހި ސަރުކާރުން ނަގަންޖެހޭ ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފަ އެވެ.