ސްރީލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ގައުމު ދޫކުރައްވައި ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމުން މާލޭގައި ދިރިއުޅޭ ސްރީލަންކާ މީހުން އިހްތިޖާޖަށް ނުކުމެއްޖެ އެވެ.

ގޮތަބަޔާއަށް ރާއްޖެއިން ހިމާޔަތް ދީފައިވާ ކަމަށް ބުނެ، ލަންކާ މީހުން ނުރުހުން ފާޅުކޮށް އިހުތިޖާޖަށް ނުކުތީ ކާނިވާ ސަރަހައްދަށެވެ. ނަމަވެސް ބެނާތައް ހިފައިގެން އިހްތިޖާޖަށް ނުކުތުމުން ފުލުހުން ވަނީ އެ އެއްވުން ރޫޅާލައިފަ އެވެ.

އެމީހުން ހިފައިގެން ތިބި ބައެއް ބެނާތަކުގައި ވަނީ ގޮޓަބަޔާ އަނބުރާ ގައުމަށް ދިއުމަށް ގޮވާލައިފަ އެވެ.

ގައުމުގައި ހުންނެވޭނެ ފުރުސަތު ނެތިގެން އެންމެ ފަހުން ސްރީލަންކާ ދޫކުރައްވައި، ރައްކާތެރިކަމާއި ހިމާޔަތް ހޯއްދެވުމަށް އެ ގައުމުގެ ރައީސް ގޮޓަބަޔާ ރާއްޖެ ވަޑައިގަތީ ރޭ ދަންވަރު އެވެ.

އެންޓަނޯވް -32 މަރުކާގެ މިލިޓަރީ ބޯޓެއްގައި ފުރާވަޑައިގެންނެވިއިރު، ގޮޓަބަޔާގެ އިތުރުން އޭނާ އާއި އޭނާގެ އަންހެނުން އަދި ދެ ބޮޑީގާޑަކު ވެސް ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ގޮޓަބަޔާ މިވަގުތު ހުންނެވީ މާލެ ސަރަހައްދުގައި ކަމަށްވެ އެވެ. ނަމަވެސް އޭނާ ހުންނެވި ތަނެއް އަދި އެކަމާ ބެހޭ ގޮތުން ދިވެހި ސަރުކާރުން އެއްވެސް ކޮމެންޓެއް ނުކުރި އެވެ.

ކާނިވާ ސަރަހައްދުގައި ލަންކާ ރައްޔިތުން ކުރާ މުޒާހަރާ

ގޮޓަބަޔާ ރާއްޖެ ވަަޑައިގަތުމުން ލަންކާގެ ގިނަ ބަޔަކު ދެކޮޅު ހަދާއިރު، ދިވެހިންގެ ގިނަ ބަޔަކު ވެސް އެކަމާ ދެކޮޅު ހަދަމުންނެވެ.

ސްރީލަންކާގެ ރައީސް މިއަދުން ފެށިގެން އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމަށް ފަހު ގައުމު ދޫކުރައްވައި ފުރާވަޑައިގެންނެވީ، އެ ގައުމުގެ އިގުތިސޯދީ ހީނަރުވުމުން ރައްޔިތުން ނުކުމެ މުޒާހާރާކޮށް، ރައީސްގެ ގަނޑުވަރާއި އޮފީސް ހިސޯރުކުރުމުންނެވެ.

ލަންކާގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ގޮޓަބަޔާ މިހާރު މަސައްކަތްކުރަނީ މިއަދުގެ ވަގުތެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންނެވުމަށެވެ.