ސްރީލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ގައުމު ދޫކުރައްވައި ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމުން އެކަމާ ދެކޮޅަށް މާލޭގައި ދިރިއުޅޭ ސްރީލަންކާ މީހުން ކުރި އިހްތިޖާޖު ފުލުހުން ހުއްޓުވައިފި އެވެ.
މާލޭގެ މި މުޒާހަރާގެ ތެރެއިން ސްރީލަންކާގެ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
ފުލުހުން ވަނީ މި ސުލްހަވެރި މުޒާހަރާ ކުރަމުން ދިޔަ މީހުން ގެންގުޅުނު ދިދަތަކާއި އެ މީހުން ގެންގުޅުނު ބެނާތައް ވެސް އަތުލާފަ އެވެ. އެމީހުން ހިފައިގެން ތިބި ބައެއް ބެނާތަކުގައި ވަނީ ގޮޓަބަޔާ އަނބުރާ ގައުމަށް ދިއުމަށް ގޮވާލައިފަ އެވެ.
ގައުމުގައި ހުންނެވޭނެ ފުރުސަތު ނެތިގެން އެންމެ ފަހުން ސްރީލަންކާ ދޫކުރައްވައި، ރައްކާތެރިކަމާއި ހިމާޔަތް ހޯއްދެވުމަށް އެ ގައުމުގެ ރައީސް ގޮޓަބަޔާ ރާއްޖެ ވަޑައިގަތީ ރޭ ދަންވަރު އެވެ.
ބައެއް ޚަބަރުތައް ބުނާ ގޮތުން ގޮޓަބަޔާއަށް ސިންގަޕޫރުން މިހާރުވަނީ ހިމާޔަތް ލިބިފަ އެވެ. އަދި އޭނާ މިއަދު ހަވީރުގެ ވަގުތެއްގައި ސިންގަޕޫރަށް ފުރާނެ ކަމަށް ބެލެވެ އެވެ.