މިރޭ ފެންނަ މާހަނދު އެހެން މަސްމަހު ފެންނަ ފުރިހަމަ ހަނދަށް ވުރެ ބޮޑުވެފައި އަލިގަދަ ވާނެ ކަމަށް ކުރީގެ ރައީސް މައުމޫނު އަބުދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް މައުމޫނު ވިދާޅުވީ މިރޭ ފެނިގެންދާ ހަނދު ގާތްގަނޑަކަށް ހަތް އިންސައްތަ ބޮޑުވާނެ ކަމަށާއި 15 އިންސައްތަ އަލި ގަދަވާނެ ކަމަށް ފަލަކީ މާހިރުން ބުނާ ކަމަށެވެ. އަދި އުޑުމަތި ސާފު ނަމަ އާދަޔާ ޚިލާފު ރީތި މަންޒަރަކަށް ވާނެ ކަމަށް ވެސް ރައިސް މައުމޫން ވިދާޅުވި އެވެ.
"މިރޭ ފެންނަ މާހަނދު އެހެން މަސްމަހު ފެންނަ ފުރިހަމަ ހަނދަށް ވުރެ ގާތްގަނޑަކަށް %7 ބޮޑުވެފައި %15 އަލި ގަދަވާނެ ކަމަށް ފަލަކީ މާހިރުން ބުނޭ. އުޑުމަތި ސާފު ނަމަ އާދަޔާ ޚިލާފު ރީތި މަންޒަރަކަށް ވާނެ. ބައްލަވާ ލައްވާ!" ފަލަކީ ކަންކަމުގައި އަބަދުވެސް ޓްވީޓް ކުރައްވާ ރައީސް މައުމޫނު ވިދާޅުވި އެވެ.
ފަލަކީ އިލްމަށް ވަރަށް ޝައުގުވެރިކަން ހުރި އަދި ލިބިވަޑައިގެންފައިވާ އިލްމު އާންމުންނަށް ހިއްސާ ކުރައްވާ ބޭފުޅެއްގެ ގޮތުގައި ރައީސް މައުމޫން ފާހަގަކުރެވެ އެވެ.