ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށައެޅިފައިވާ ފުލުހުންގެ ގާނޫނުގައި ފުލުހުންނަށް ފިސްތޯލަ ހިމެނޭހެން ލީތަލް ހަތިޔާރު ދިނުމަށް 241 ކޮމިޓީއަށް ހުށައަޅައިފި އެވެ.

އިތުބާރު ހުރި މަސްދަރަކުން "ހުރިހާ"އަށް ވިދާޅުވި ގޮތުގައި ލީތަލް ހަތިޔާރާއެކު ފުލުހުންނަށް ލީތަލް ހަތިޔާރު ދިނުމަށް އިސްލާހު ހުށައަޅާފައިވަނީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ.

މި އިސްލާޙާ ގުޅިގެން ކޮމިޓީގެ މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތު ވެފައިވާ ކަމަށާއި، ސަރުކާރުން ޚާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި އިސްލާހު ފާސްކުރަން ތާއީދުކުރާ ކަމަށާއި ނަމަވެސް ރައީސް މުހައްމަދު ނަޝީދު މި އިސްލާޙަށް ތާއީދުނުކުރާ ކަމަށް ވެސް އެ ބޭފުޅާ ވިދާޅުވި އެވެ.

ފުލުހުން ފިސްތޯލަ ގެންގުޅުމަކީ އުސޫލީ ހަމަތަކުން ބަލާއިރު އޭގައި ވިސްނަންޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމެއް ކަމަށް މަޖިލިސް މެމްބަރަކު ނަން ހާމަ ނުކުރާގޮތަށް ވިދާޅުވި އެވެ. އެގޮތުން އޭގެ ރައްކާތެރިކަމާއި ފިސްތޯލަ ބޭނުންކުރާ ފުލުހުން ނަފްސާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ޗެކްކުރަން ޖެހޭކަމާއި، އަދި ދުނިޔޭގެ ގައުމުތަކުގައި ވެސް އޮންނަ ހަރުދަނާ އުސޫލުތައް ރާއްޖޭގައި އިމްޕްލިމެންޓް ކުރުމަކީ ކުރެވިދާނެ ކަމެއްތޯ ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއީ ޚަރަދުގެ ގޮތުން ބަލާއިރު ވެސް ބޮޑު ކަމެއް ކަމަށް އެ މެމްބަރު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ޙާލަތާއި ޜާއްޖޭގެ މުޖްތަމަޢުގައި ފުލުހުންނަށް ފިސްތޯލަ ދިނުމުން ނިކުމެދާނެ ނަތީޖާއަކަށް ވެސް ވިސްނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންނަށް މިހާރަށްވުރެ ބޮޑެތި ބާރުތައް ލިބިދޭންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރިން ވިދާޅުވެފައިވެ އެވެ. އެގޮތުން ވިސްނުމަކީ އިލެކްޓްރިކް ޝޮކް ދޭ ބަޑި ބޭނުންކުރުން ކަމަށް ކޮމިޝަނަރު ހަމީދު ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައިވަނީ ރައްޔިތުންނަށް ހިދުމަތްކުރަން ތިބޭއިރު، އެ ރައްޔިތުން ތިބޭ މާހައުލުގައި ކުށްތައް އާލާވަމުންދާ ނުވަތަ އަލަށް އުފެދެމުންދާ ކުށްތަކާއި އެ ކުށްތަކުގެ ނުރައްކާތެރިކަމާއި ކުށްކުރާ ފަރާތްތަކުގެ ނުރައްކާތެރިކަން، ހާއްސަކޮށް އެ މީހުންގެ ފަރާތުން ފެންނަ އަނިޔާވެރިކަމަށް ބަލާއިރު ލެސް ލީތަލް ނުވަތަ ކަރަންޓް ޝޮކް ދޭ ބަޑި ބޭނުންކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ފިސްތޯލަ ދިނުމާބެހޭގޮތުން ވާހަކަ ދައްވާފައެއް ނުވެ އެވެ.

ޝޮކްދޭ ބަޑި ބޭނުންކުރުމާ ގުޅޭގޮތުން ދެކެވުނު ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުމެއް އޮތްކަންވެސް ފާހަގަކުރެވުނެވެ.

241 ކޮމިޓީގެ ބައްދަލުވުމެއް މާދަމާ 1100 ގައި ބޭއްވުމަށް މިހާރުވަނީ އެޖެންޑާ ކޮށްފަ އެވެ.