އަދާލަތު ޕާޓީއަކީ ދެތިން މީހެއްގެ މަންފާއަކަށް ގެންގުޅޭ ނަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މެމްބަރު ޝިޔާމް މިފަދައިން ވިދާޅުވީ އަދާލަތު ޕާޓީގެ ދިފާއުގައި އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ މިތިން ދުވަހު ކުރަވަމުން ގެންދަވާ ޓްވީޓްތަކަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައި އެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރު ކޯލިޝަން ތެރޭގައި އަދަލާތު އޮންނަތާ ހަތަރު އަހަރު ވެފައިވާކަމަށެވެ. މި ހަތަރު އަހަރުގެ ތެރޭގައި މާތް ރަސޫލާއަށް ފުރައްސާރަކޮށް، ދީނަށް ހަޖޫ ޖަހައި އެތައް ކަމެއް ހިނގައިދާއިރުވެސް އަދާލަތު އޮތްކަމެއްވެސް ބަޔަކަށް ނެގޭކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ. މިއަދު މާބާރަށް އަޑުގަދަކޮށް ކަރު ކެހެމުންދަނީ 2023 ކައިރިވާތީ އަނެއްކާވެސް ސިޔާސީ މަންފާއަކަށް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިމްރާން އަންނަނީ އަދާލަތު ޕާޓީގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އިމްރާން ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން ދިފާއުކުރުމުގައި އަދާލަތު ޕާޓީއަށްވުރެ ބޮޑަށް މަސައްކަތްކުރި ޕާޓީއެއް ނެތްކަމަށެވެ.

އަދި އިއްޔެ ކުރެއްވި ޓުވީޓެއްގައި އިމްރާން ވިދާޅުވީ ބަޔަކު ކިތަންމެ ނުރުހުނަސް އަދާލަތު ޕާޓީ އޮތީ ކުޑަކޮށްވެސް ފަހަތަށް ޖެހޭ ގޮތަކަށް ނޫން ކަމަށެވެ. އަދި އިސްލާމްދީނުގެ ފުރިހަމަ މަފުހޫމުގައި ސިޔާސީ މަސައްކަތުގައި އަދާލަތު ޕާޓީ ދާނީ ބާރަށް ކުރިއަށް ކަމުގައިވެސް އިމްރާން ވިދާޅުވި އެވެ.

އިމްރާން މިފަދައިން ވިދާޅުވިއިރު އޭނާގެ ހޯމް މިނިސްޓަރު ކަމުގައި މިއިން ޒަމާނެއްގައި އިސްލާމްދީނަށް ރާއްޖޭގައި ފުރައްސާރަނުކުރާ މިންވަރަށް ފުރައްސާރަ ކުރިމަތިވެފައިވާކަމާއި، އެފަދައިން ދީނަށް ފުރައްސާރަކޮށް ރާސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތައުހީނުކުރާ ފަރާތްތަކާމެދު އެއްވެސް ފިޔަވަޅެއް ނޭޅޭކަން ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.

އަދި ޖޫން މަހުގެ ތެރޭގައި ފެންމަތިވި ލިވާތުކުރުމުގެ މައްސަލަތައް ތަހުގީގުނުކޮށް އެ އަމަލު ހިންގި މަންޒަރު ރެކޯޑުކޮށް އެ ވީޑިއޯތައް ބޭނުންކޮށްގެން ބިރުދެއްކުމުގެ މައްސަލަތައް ތަހުގީގުކުރަމުންދާކަން ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.