މި އަހަރު ހައްޖަށް ދިޔަ ދިވެހި ހައްޖުވެރިން މާދަމާ ރާއްޖެ އަންނަށް ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖުވެރިން މާދަމާ ރާއްޖެ އަންނަން ފަށާނީ ރާއްޖެ ގަޑިން ހެނދުނު 10:10ގައި ކަމަށެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 453 ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ އެވެ. މި ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ތިން ފްލައިޓެއްގަ އެވެ. އެއީ މާދަމާ އޮންނަ ފްލައިޓާއި، މި އަންނަ ހޮނިހިރު ދުވަސް އަދި އަންނަ ހަފްތާގެ ބުދަ ދުވަހު އޮންނަ ފްލައިޓްގަ އެވެ.

މާދަމާގެ ފްލައިޓުން 157 ހައްޖުވެރިން އަންނަން ހަމަޖެހިފައިވާއިރު 23 ޖުލައިގެ ފްލައިޓުން އަންނާނީ 175 ހައްޖުވެރިން އަދި 27 ޖުލައިގެ ފްލައިޓްއިން އަންނާނީ ޖުމްލަ 117 ހައްޖުވެރިންނެވެ.

މި ހައްޖުވެރިންނަށް ހާއްސަކޮށް ހިދުމަތްދިނުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހައްޖުވެރިންނަށް ހާއްސަ ސަރަހައްދެއް ހަމަޖައްސާފައިވާއިރު އެކަމަށްޓަކައި އެ ކުންފުނީގެ އިތުރު މުވައްޒަފުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާނެ އެވެ.

މިފަހަރު ހައްޖާޖީން ބަލާ އެއަރޕޯޓަށް ދާ މީހުންނަށް ހާއްސަކޮށް ވެހިކަލްތަކެއް ވަނީ ހިލޭ ދަތުރުކުރެވޭ ގޮތަށް ހަމަޖައްސާފަ އެވެ. އެގޮތުން ކޮންމެ 15 މިނެޓަކުން ބަސްދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.އެހެންނަމަވެސް ބަސްތަކުގައި ގިނަ އަދަދެއްގެ ލަގެޖް އުފުލާނެ ޖާގަ ނެތުމާއި ގުޅިގެން ހައްޖުވެރިންގެ ލަގެޖް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސަންޖެހޭނީ އެމީހުން އަމިއްލައަށްކަމަށް މިނިސްޓްރީން ބުންޏެވެ.