ފަރުކޮޅުފުށީގެ ހުޅަނގު އުތުރު ފަރާތަށް އެރި، ފްރީޑައިވްކުރަން ދިޔަ ސައުތު ކޮރެއާގެ އުމުރުން 49 އަހަރުގެ ފަތުރުވެރިއަކު މަރުވެއްޖެ އެވެ.

ގެއްލިގެން ހޯދަމުން ދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންނަށް އެމީހާގެ ހަށިގަނޑު ވަނީ ފެނިފަ އެވެ.

އެ މީހާ ގެއްލިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުނީ މިއަދު 11:05 ހާއިރު އެވެ.

އެމްއެންޑީއެފް އިން ބުނިގޮތުގަައި އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ވަނީ އެ ސަހަރައްދަށް ގޮސް ގެއްލުނު މީހާ ހޯދުމަށް މަސައްކަތް ކޮށްފަ އެވެ.

މިގޮތުން، އެ މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން މަސައްކަތްކުރަމުން ދަނިކޮށް، ގެއްލުނު މީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނިފައި ވަނީ ކ. ގާގަނޑު ދެކުނުގައި އޮތް ފަރު ކައިރިން، ކަނޑުގެ 30 މީޓަރު އަޑިން، މިއަދު 11:50 ހާއިރު އެވެ.

އަދި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން އެމީހާގެ ހަށިގަނޑު މޫދުން ނެގުމަށް ފަހު، މިއަދު 12:21 ހާއިރު ހަށިގަނޑު މާލެއަށް ގެނެސް، އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.