އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވާ ދައުލަތުގެ ބަޖެޓް މިއަދު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ބަޖެޓް ފާސްކޮށްފައިވަނީ ހާޒިރުވެ ވަޑައިގެން ތިއްބެވި 69 މެމްބަރުންގެ ތެރެއިން 68 މެމްބަރުންގެ ވޯޓާއެކުގައެވެ. ބަޖެޓް ފާސްކުރުމަށް ވޯޓް ނުދެއްވަނީ އެންމެ މެމްބަރެކެވެ.

ބަޖެޓް ފާސްކޮށްފައިވަނީ މަޖިލީހުގެ ތަޅުމުގައި ހުށައެޅި ކުދިކުދި ބައެއް އިސްލާހުތަކާއެކު އެވެ. އެގޮތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ ހުށައެޅުއްވި އިސްލާޙުގައިވަނީ ދައުލަތުން ނަގާ ލޯނާއި ސޮވެރިން ގެރެންޓީއާއި ދޫކުރާ ބޮންޑާއި ސުކޫކުގެ ތަފްސީލީ ރިޕޯޓެއް ކޮންމެ ކުއާޓަރެއް ނިމޭތާ 30 ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށައެޅުމަށާއި ދައުލަތުން ސޮވެރިން ގެރެންޓީ ދީގެން ކުރިއަށް ގެންދާ މަޝްރޫއުތައް މިނިސްޓްރީ އޮފް ފިނޭންސުން ރިވިއުކޮށް އެކަމާ ގުޅޭ ރިޕޯޓް ކޮންމެ ކުއާޓަރެއް ނިމޭތާ 30 ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށައަޅާގޮތަށް ބަޖެޓް ދިރާސާ ރިޕޯޓުގެ 9.6 އަށް ރިކޮމެންޑޭޝަންގެ ގޮތުގައި އިތުރު ކުރުމަށެވެ. މި ދެ އިސްލާހު ވެސް ފާސްކުރުމަށް 70 މެމްބަރުން ވޯޓު ދެއްވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ފުރަތަމަ ހުށައަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ކޮމިޓީ މަރުޙަލާގައި ބަޖެޓަށްވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ބަޖެޓް ދިރާސާކުރާ ކޮމިޓީންވަނީ އާމްދަނީ ހޯދޭނެ ބައެއްކަންކަން އިތުރުކޮށް ޖުމްލަ ބަޖެޓުގެ ޢަދަދު 34.9 ބިލިއަން ރުފިޔާ އަށް އިތުރުކޮށްފައެވެ. ހަރަދުގެ އިތުރުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވާ 17.8 ބިލިއަން ރުފިޔާއަށް ވެސް ކޮމިޓީން ވަނީ ބަދަލުތަކެއް ހުށަހަޅާފަ އެވެ. އާމްދަނީ އިތުރުކުރަން ސަރުކާރުން ހުށަހަޅާފައިވާ އާ ކަންތައްތަކުން ލިބޭނެކަމަށް ލަފާކޮށްފައިވާ 1.2 ބިލިއަން ރުފިޔާ އިތުރުކޮށްގެން، ޖުމްލަ އާމްދަނީ 3.3 ބިލިއަން ރުފިޔާ އަށް އިތުރުކުރުމަށެވެ.

ބައެއް މިނިވަން މުއައްސަސާތަކުގެ ބަޖެޓު އިތުރުކޮށްފައިވާއިރު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ބަޖެޓަށް 2 މިލިއަން ރުފިޔާ އިތުރުކުރުމަށް ކޮމިޓީން ނިންމާފައިވެ އެވެ. ކޮމިޓީން ގެނައި ބަދަލުތަކުން ވަނީ ބަޖެޓް ޑެފިސިޓްވެސް ދަށްކޮށްފައެވެ. އެގޮތުން ބަޖެޓް ޑެފިސިޓް 15.5 ބިލިއަނުން 12.3 ބިލިއަން ރުފިޔާއަށް ތިރިކޮށްފައިވާކަން ފާހަގަކުރެވެ އެވެ. އަދި އާމްދަނީ ލިބޭނެ މަގު އިތުރަށް ފަހި ކުރުމަށްޓަކައި ޓޫރިޒަމް ގާނޫނަށް އިސްލާޙުތަކެއް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ޓޫރިޒަމުން ލިބޭ އާމްދަނީ އެއް ބިލިއަން ރުފިޔާ އަށް އިތުރު ކުރުމާއި އާ ކަންތައްތަކުގެ ތެރެއިން ބިން ވިއްކައިގެން ލިބޭނެ ކަމަށް ލަފާކޮށްފައިވާ 300 މިލިއަން ރުފިޔާ، އެއް ބިލިއަނަށް އިތުރު ކުރުމަށް ހިމަނާފައިވެ އެވެ.

މި ބަޖެޓަށް މިއަދުގެ ބަހުސްގައި އިދިކޮޅު މެމްބަރުންނާއި އަދި ބައެއް އެމްޑީޕީގެ މެމްބަރުން ވެސް ބަޖެޓަށާއި ސަރުކާރަށް ފާޑު ވިދާޅުވެފައިވެ އެވެ.

ވިލިފުށީ ދާއިރާ މެންބަރު ހަސަން އަފީފު މި ބަޖެޓަކީ ޑެފިސިޓު ވަރަށް ބޮޑު ބަޖެޓެއް ކަމަށެވެ. އަދި މަޖިލިހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ގެނައި ބަދަލުތަކާއެކު ބަޖެޓުގެ ޑެފިސިޓު ކުރިއަށްވުރެ ކުޑަކުރެވުނު ނަމަވެސް އަދިވެސް ބަޖެޓުގެ ޑެފިސިޓު ބޮޑު ކަމުގައި އަފީފު ފާހަގަކުރެއްވި އެވެ. އެހެންކަމުން ލިބޭނެ ކަމަށް އަންދާޒާކުރާ ފައިސާ ލިބުމަކީ މުހިއްމު ކަމެއް ކަމުގައި ފާހަގަކުރެއްވި އެވެ. އަފީފު އިތުރަށް ވިދާޅުވީ ބަޖެޓުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ފައިސާއަކީ ލިބޭނެ ފައިސާ ކަމުގައި ފިނޭންސް މިނިސްޓަރު ވިދާޅުވާތީ އެ ފައިސާ ލިބޭނެ ކަަމަށް ގަބޫލުކުރެއްވެން ނެތް ކަމަށެވެ.

ކުރީގެ އިކޮނޮކިމް މިނިސްޓަރު މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ މިއީ ވަރަށް ގޯސް ބަޖެޓެއް ކަމަށެވެ.

އެމްޑީޕީން ވެރިކަމަށް އައީ ޖަޒީރާ ރާއްޖޭގެ ނަމުގައި ކަމަށްވިޔަސް ފެނިގެންދަނީ ކޮންކްރީޓް ތަރައްގީއާއި، މާލެއަށް ބަޖެޓް އޮއްސާލާ މަންޒަރު ކަމަށެވެ. ބަޖެޓުގެ 80 އިންސައްތަ ފައިސާ މާލެ ސަރައްހައްދައް ޚަރަދު ކުރަން ނިންމާފައިވާއިރު، އަތޮޅު ތެރޭގެ ތަރައްގީއަށް އޮތީ އެންމެ 20 އިންސައްތަ ކަމަށާއި މިއީ ރައްޔިތުންނަށް ކުލަ ހުވަފެން ދެއްކުމަށްފަހު އަތޮޅު ތެރޭގެ ރައްޔިތުންނަށް ވެފައިވާ ވަރަށްބޮޑު ޚިޔާނާތެއް ކަމަށް ސައީދު ވިދާޅުވި އެވެ.

"މަނިކުފާނަކީ ކޮންކްރީޓް ތަރައްގީއޭ ބުނީމާ ހޮޑުލެވޭ ކަމަށް ވިދާޅުވި ބޭފުޅެއް މަޖިލިސް ރައީސަކަށް ތި އިންނެނީ. މިއަދު މީހުން ނޫޅޭ ހަނަފަސް ބިމަކަށް ބްރިޖެއް އަޅަން ބަޖެޓުގެ 20 އިންސައްތަ ތިއޮތީ ކަނޑައަޅާފަ. މާލެ އަށް 80 ޕަސެންޓު ބަޖެޓުން އަޅާއިރު، އަތޮޅު ތެރެއަށް އޮތީ އެންމެ 20 ޕަސެންޓް،" ސައީދު ވިދާޅުވި އެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވަޒީރުންގެ މަޖިލީހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.

ސަނީފް ވިދާޅުވީ މިއީ ވެރިކަމުގެ ނިޒާމުގެ ތެރެއިން ސަލާންޖަހަިއގެން ތަރައްގީ ހޯދަންޖެހޭ ޒަމާނެއް ނޫން ކަމަށެވެ. ނަމަވެސް ފެނިގެންދަނީ ވެރިކަން ކުރައްވަމުންދާ ނިޒާމުގެ ތެރެއިން އެ ސަގާފަތް އާލާކުރާ މަންޒަރުކަމަށެވެ. އޭނާ ވާހަކަ ދެއްކެވީވެސް ހުވަދޫ ބަހުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެފައިވަނީ މި ބަޖެޓަކީ މިޙާލަތުގައި ހުށައެޅޭނެ އެންމެ ފުރިހަމަ ބަޖެޓް ކަމަށެވެ.