އިދިކޮޅު ކޯލިޝަނުން "މިނިވަންކުރޭ" މިނަމުގައި ކުރިއަށް ގެންދިޔަ އިހްތިޖާޖުގެތެރެއިން ބޭނުން ކުރަމުންދިޔަ ބައެއް ތަކެތި ފުލުހުން ނަގައިފި އެވެ.

ޔޯގާ ހަރަކާތާ ގުޅިގެން ހައްޔަރުކޮށްފައިވާ އެ ކޯލިޝަންގެ ހަރަކާތު ކޮމިޓީގެ ޗެއާ މުހައްމަދު އިސްމާއީލްއާއި އެހެނިހެން ހައްޔަރީން މިނިވަން ކުރުމަށް ގޮވާލާ ޕާޓީ އޮފީސް ކުރިމަތީގައި ކުރިއަށް ގެންދިޔަ އިހްތިޖާޖު ފެށުމާއެކު ފުލުހުންވަނީ އެއްވުން ރޫޅާލާނެ ކަމަށް އިންޒާރު ދީފަ އެވެ. އަދި އެސްއޯ ފުލުހުން ފުލް ގިޔަރުގައި އެލާޓް ކޮށްފަ އެވެ.

އެގޮތުން އިދިކޮޅުން އިހްތިޖާޖު ފަށާ މެމްބަރުން ވާހަކަ ދައްކަން ފެށުމުން ފުލުހުންވަނީ ހަރަކާތުގައި ބޭނުން ކުރި ސްޓޭޖް ނަގައިގެން ގޮސްފަ އެވެ.

ސްޓޭޖް ގެންދިއުމުން ދެން މެމްބަރުން ވާހަކަ ދައްކަން އެރީ ގޮނޑިއެއްގެ މައްޗަށެވެ. އިރުކޮޅަކުން ފުލުހުންވަނީ އެ ގޮނޑިވެސް އަތުލާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އިހްތިޖާޖު ރޫޅާލުމަށް ޕެޕާ ސްޕްރޭ ޖަހާ އިހްތިޖާޖުގެ ތެރެއިން އެކަކު ހައްޔަރު ކޮށްފައިވާ ކަމަށް އިދިކޮޅުން ބުނެ އެވެ.