އެސްޓީއޯއިން ކުރިއަށްގެންދާ ރޭޑިއޯގްރަފީ ކޯސް ހަދާ ދަރިވަރުންނަށް އޭޑީކޭ ހޮސްޕިޓަލުން އިންޓާންޝިޕް ފުރުސަތު ފަހިކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެ ވެ.

މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަ މަރިޔަމް ނުޒްލާ އެވެ. އަދި އޭޑީކޭ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލެވެ.

އެސްޓީއޯއިން ބުނީ މި އެއްބަސްވުމުގެ ސަބަބުން، ކޯހުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ މަސައްކަތު ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު އޭޑީކޭ ހޮސްޕިޓަލުން ފަހިވެގެންދާނެ ކަމަށެވެ.

އެސްޓީއޯއާއި ޖީއީ ހެލްތް ކެއާއާއި ގުޅިގެން "ޑިޕްލޮމާ އިން ރޭޑިއޯގްރަފީ" ކޯސް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މި ކޯހުގައި ދެ އަހަރު ދުވަހުގެ ކިޔެވުމާއެކު ހަ މަސް ދުވަހުގެ އަމަލީ ތަޖުރިބާ ލިބޭނެ އެވެ. އަދި މިއީ އެސްޓީއޯގެ ސްކޮލަޝިޕްގައި ތަމްރީނުވުމަށް ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައި އެކުންފުނިން ފާހަގަކުރެ އެވެ.

ރޭޑިއޯގްރަފީއަކީ ރޭޑިއޭޝަން މެދުވެރިކޮށް އެތެރެ ހަށީގެ ގުނަވަންތަކުގެ ފޮޓޯ ނެގުމެވެ. އަދި ރޭޑިއޯގްރާފަރުންނަކީ އެކްސް-ރޭއާއި އަލްޓްރާ ސައުންޑް ސްކޭނާއި، އެމްއާރްއައި އަދި މެމޯގްރާފް ނެގުމުގެ ޚިދުމަތް ފޯރުކޮށްދޭ ބައެކެވެ.

ރާއްޖޭގެ ސިއްހީ ދާއިރާއަށް ބަލާއިރު، މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލުގައި ވެސް ރޭޑިއޯގްރާފަރުންގެ ގޮތުގައި ނިސްބަތުން ގިނައިން މަސައްކަތް ކުރަނީ ބިދޭސީންނެވެ. އެހެންކަމުން މިދާއިރާއަށް ތައުލީމާއި ތަމްރީން ލިބިފައިވާ ދިވެހިން ނެރުމަކީ ހެލްތު މިނިސްޓްރީގެ އަމާޒެކެވެ.

ހެލްތު މިނިސްޓްރީއާއި، އެމްއެންޔޫ އަދި އެސްޓީއޯ ގުޅިގެން ކުރިއަށްގެންދާ ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯހުގެ މަގުސަދަކީ ވަޒީފާގެ ބާޒާރުގައި ރޭޑިއޯގްރަފީ ޓެކްނީޝަނުންގެ ގޮތުގައި ދިވެހިން ބިނާކޮށް އަދި ވަޒީފާ އަދާކުރާ ފެންވަރު ހުރި ދިވެހިން އިތުރުކުރުމެވެ.

މި ކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖީއީ ހެލްތް ކެއާގެ ކަރިކިއުލަމްއަކަށް "ފުލްޓައިމް" ކޯހެއްގެ ގޮތުގަ އެވެ. އަދި ކޯސް ފުރިހަމަކުރާ ފަރާތްތަކުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ އިން ހިންގާ ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ. އަދި މި ކޯސް ކުރިއަށްދާނީ ކްލާސްރޫމް ގަޑިތަކުގެ އިތުރުން ލެބް ޓްރެއިނިންތައް ވެސް ހިމަނައިގެންނެވެ.

މިއީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މިންގަނޑުތަކާއި އަދި މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގެ މިންގަނޑުތަކާއި އެއްގޮތަށް ކުރިއަށްގެންދާ ކޯހެކެވެ. އަދި މި ކޯހުން ފާސްވާ ބައިވެރިންނަށް ލެވެލް 5 ގެ ނެޝަނަލް ސެޓްފިކެޓްއެއް ލިބޭނެ އެވެ.