މާލޭ މީހުންނަށް ހާއްސަކޮށްގެން ސަރުކާރުން ދޫކުރާ ގޯއްޗާއި މާލޭގައި ދިރިއުޅޭ މީހުންނަށް ހާއްސަ ފްލެޓަށް ފޯމު ހުށަހެޅުމަށް އެހީތެރިވުމަށް އާންމުންނަށް މައުލޫމާތު ދިނުމަށް ހާއްސަ ސެޝަންތަކެއް ކުރިއަށްގެންދަން އެމްޑީޕީން ނިންމައިފި އެވެ.

އެމްޑީޕީން ބުނީ އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ކޮންމެ ރެއެއްގެ 20:00 އިން 22:30 އަށް އެމްޑީޕީ ޗާނދަނީމަގުގައި ހުންނަ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ކަމަށެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ 7219897 އާ ގުޅުމަށް އެ ޕާޓީން ވަނީ އެދިފަ އެވެ.

"އެމްޑީޕީގެ އަމާޒަކީ މަލޭ ރަށްވެހިންގެ ތެރެއިން ވީހާވެސް ގިނަބަޔަކަށް ބޯހިޔާވަހި ކަމުގެ މިޕްރޮގްރާމްގެ ނަފާ ލިބި މާލޭ ސަރަހައްދުން އަމިއްލަ ގޯއްޗާއި ފްލެޓް ލިބިގެން ދިއުމެވެ،" އެ ޕާޓީން ބުންޏެވެ.

މާލެ ރައްޔިތުންނަށް ބިންވެރިޔާ ސްކީމުގެ ދަށުން 3،000 ގޯއްޗާއި 4،000 ފްލެޓަށް ކުރިމަތިލުމަށް ސަރުކާރުން ވަނީ ހުޅުވާލައިފަ އެވެ.

މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރާނީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް"އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއާއި ގުޅީފަޅުންނެވެ.