ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޒިނޭ ކުރާ މަންޒަރު ހުރި ފޮޓޯތަކެއް ހުރި ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް ވިދާޅުވާ ވިދާޅުވުން ތަހުގީގު ކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިިފި އެވެ.

ޕީޕީއެމް އާއި ޕީއެންސީ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ޒިނޭ ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ނަޝީދު އަތްޕުޅުގައި ހުރިކަމަށް ވިދާޅުވާ ވިދާޅުވުމުގެ ހަގީގަތް ހޯދާ އެކަމުގެ މައުލޫމާތު ދިވެހި ރައްޔިތުންނަށް ހާމަކުރުމަށް ގޮވާލާ ކަމަަށެވެ.

އަދި މި މައްސަލައިގެ ތެދު ދޮގު ދިވެހި ރައްޔިތުންނަށް އެނގެން ބޭނުންވާނެތީ އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް މިހާރުން މިހާރަށް ހިންގުމަށް ދައުލަތުގެ މުއައްސަސާތަކަށް ހާއްސަކޮށް ދިވެހި ފުލުހުންގެ ހިދުމަތަށް ވަނީ ގޮވާލާފަ އެވެ. އަދި އެ މައްސަލައިގެ ތަހުގީގަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ހިންގާ ތަހުގީގަކަށް ހެދުމަށްޓަކައި ވަގުތީ ގޮތުން ނަމަވެސް ތަހުގީގު ނިމެންދެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މަގާމުން އެކަހެރިވުމަށްވެސް ވަނީ ގޮވާލާފަ އެވެ.

މިވަރުގެ ބޮޑު ތުހުމަތެއް ދައުލަތުގެ އެންމެ މަތީ ވެރިންގެ ތެރެއިން ވެރިއަކު ކުރެއްވުމަކީ ތަރުޖަމާނު މެދުވެރިކޮށް ބަރީއަވާންވީ ވަގުތެއް ނޫން ކަމަށާއި މިކަމުން ބަރީއަވުމަށްޓަކައި ފުރިހަމަ މިނިވަން ތަހުގީގަކަށް ފުރުސަތު ދެއްވުމަށް ގޮވާލާފައިވެ އެވެ. ހަމައެއާއެކު، އަދީބުގެ އަތުން ކަޅު ދަބަސް ގެންދިޔަ މައްސަލަ އޮއްބާލި ގޮތަށް މި މައްސަލަ އޮއްބާ ނުލުމަކީ ދިވެހި ރައްޔިތުންގެ އާދޭހެއް ކަމަށްވެސް ބުނެފައިވެ އެވެ.

ރައީސް ސޯލިހް އަންހެން ކުއްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯ ގަނޑު އެމަނިކުފާނުގެ އަތްޕުޅުގައި އެބަ އޮތް ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް ރައީސް ގެ ތަރުޖަމާނު މަބްރޫކް މެދުވެރިކޮށްވަނީ ދޮގު ކުރައްވާފަ އެވެ.