ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، އެ މަނިކުފާނު ދެއްކެވި ވާހަކަތައް ގަބޫލުކޮށްގެން އަނިޔާދިން މީހުންނަށް މައާފުކުރައްވާ ކަމަށް ނަޝީދުގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވުމުން ރައީސް ކަމާއި ހަވާލުވި ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހސަން މަނިކު މިފަދައިން ވިދާޅުވެފައި މި ވަނީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޒުވާން އަންހެނަކާ އެކީ ޒިނޭކުރެއްވި ކަމަށް ތުހުމަތުކޮށް، އެކަމަކުގެ ހެކި ފޮޓޯގެ ގޮތުގައި ވެސް އެބަހުރި ކަމަށް ނަޝީދު ރޭ ވިދާޅުވުމާ ގުޅިގެން މީހަކު ކުރި ޓްވީޓަކާ ގުޅިގެންނެވެ.
2012 ވަނަ އަހަރުގެ ފެބްރުއަރީ 7ގައި ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ރައީސް ވަހީދު ވެރިކަމާ ހަވާލުވެލެއްވުމާއެކު ރައީސް ނަޝީދާއި އެމްޑީޕީން ވަނީ ބާޣީއެއްކަމަށް ސިފަކޮށް، ވަރަށް ހުތުރު ބަސްތައް އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާއަށް ރައްދުކޮށްފަ އެވެ.
ވަލީއުއްދީން ޕުޓިންގެ ނަމުގައި އިން އެކައުންޓަކުން ކުރި ޓްވީޓެއްގައި ބުނީ ނަޝީދުގެ އަމަލުތައް މިހާރު ހުރި ގޮތުން މިއަދު ކޮންޓްރޯލުން ނެއްޓިފައިވާ މީހަކާ އެކީ ރައީސް ވަހީދަށް ވެރިކަން ކުރައްވަން ކިހާ އުނދަގޫ ކަމަކަށް ވާނެކަން އިހުސާސްކުރެވޭ ކަމަށެވެ. އެހެންވެ ބާގީ އަށް ގޮވުނީތީ މައާފަށް އެދޭ ކަމަށް އޭނާ ބުންޏެވެ.
މީގެ ރައްދުގައި ޑރ. ވަހިދު ވިދާޅުވީ ނަޝިދު އިސްތިއުފާ ދެއްވުމަށް އުފެއްދެވި ދޮގު ނެރޭޓިވް ގަބޫލުކޮށް އެ މަނިކުފާނަށާއި އާއިލާ އަށް އަނިޔާވެރި ބަސްތަކާއި އަމަލުން ރައްދުކުރި ފަރާތްތަކަށް މައާފުކުރައްވާ ކަމަށެވެ.
"އަދި އަޅުގަނޑުގެ ރައިސްކަމުއި އެއްވެސް ފަރާތަކަށް ނުހައްގުން އަނިޔާއެއް ލިބުނު ނަމަ މައާފުކުރެއްވުން އެދެން،" ވަހީދު ވިދާޅުވި އެވެ.
ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެ ވެރިރަށުގައި ކުރިއަށް ދިޔަ ސިލްސިލާ އިހުތިޖާޖުތަކަކަށް ފަހު ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ އަމިއްލަފުޅަށެވެ.
ނަމަވެސް ޖެހިގެން އައި ފެބްރުއަރީ 8، 2012 ގައި ދަރުބާރުގޭގައި އެމްޑީޕީގެ ގައުމީ މަޖިލީސް އެއްވެ ރައީސް ނަޝީދު ވަނީ ވެރިކަން ބަދަލު ކުރީ ގަދަ ބާރުން ކަމަށާ އެއީ ބަޣާވާތެއް ކަމަށް އިއުލާނު ކުރައްވާފަ އެވެ. ރައީސް ނަޝީދުގެ މިވާހަކަތައް ގަބޫލުކޮށް އެމަނިކުފާނަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ބަޔަކު މާލޭގައި މުޒާހަރާ ކުރުމަށް ނިކުތެވެ.
ރައީސް ނަޝީދު އުފެއްދެވި ތަފާތު ވާހަކަތަކާއި ގުޅިގެން މި ފަހާ ޖެހެންދެންވެސް އެމަނިކުފާނުގެ ވަފާތެރި ސަޕޯޓަރުން ގެންދެވީ ރައީސް ވަހީދާއި އެމަނިކުފާނުގެ އާއިލާއަށް ވަރަށް ބޮޑަށް ފުރައްސާރަ ކުރަމުންނެވެ.