ބުރާސްފަތި ދުވަހުން ފެށިގެން، ކުރިއަށް އޮތް ހަފްތާ ބަންދުގައި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ބެލެވޭ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި މިވަނީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުއިރުދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރުގައި ދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، މާދަމާ ހަވީރުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެ ލަފާކުރެވޭތީ އެވެ.

މެޓް އޮފީހުން ބުނީ އެ ތޫފާން ހުޅަނގަށް ދަތުރުކޮށް އަންނަ ބުރާސްފަތި ދުވަހު ސްރީލަންކާ ހުރަސްކޮށް ދެކުނު އިންޑިއާ އައްސޭރިފަށާ ކައިރިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެ ކޮޅިގަނޑު އުފެދި އަންނަމުންދާ ބަދަލުތައް މެޓް އޮފީހުން އަންނަނީ ބަލަމުންނެވެ.

ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި ވެސް ވަނީ ކޮޅިގަނޑެއް އުފެދިފައިވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

އެހެންކަމުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހަފްތާ ބަންދުތެރެއާއެކު ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވެގެންދާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓު އޮފީހުން ބުނީ އެ ނިޒާމްތަކާ ގުޅިގެން ރާއްޖޭގެ މޫސުމަށް ކުރާނެކަމަށް ބެލެވޭ އަސަރު އެ އޮފީހުން އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ނެރޭ ސަމާލު އަދި އިންޒާރުގެ މެސެޖު މެދުވެރިކޮށް އާންމުކުރަމުން ދާނެ ކަމަށެވެ.