އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް އެ ޕާޓީގެ ސެނެޓުން މިރޭ ނިންމައިފި އެވެ.

އެގޮތަށް ނިންމާފައި ވަނީ މިހާރު ކުރިއަށްދާ ޕީޕީއެމްގެ ސެނެޓް ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޔާމީން ނިންމަވާފައިވާއިރު، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ދެ މައްސަލައަކާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާއެއް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ.

އެއިން ދައުވާއެއް ސާބިތުވެއްޖެ ނަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ޔާމީނަށް ގެއްލޭނެ އެވެ. މީގެ ކުރިން ވެސް އެމަނިކުފާނަށް ކްރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ. އެއީ ގއ. ވޮޑަމުލާ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހަވާލުކުރި ކުންފުނިން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ދިން ފައިސާ ޔާމީންގެ އެކައުންޓަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

އެ ހުކުމް ބާތިލްކުރިޔަސް އެ މައްސަލާގައި ހިމެނޭ އެއް މިލިއަން ޑޮލަރުގެ ފައިސާ ހޯދުމަށް މަސައްކަތް ކުރުމުގެ ހައްގު ދައުލަތަށް ލިބިގެންވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ ކަނޑައަޅާފަ އެވެ.

އެހެންވެ، އެ ފައިސާ ހޯދަން ޔާމީންގެ މައްޗަށް ދައުވާ ކުރުމާ ގުޅޭގޮތުން އެމްއެމްޕީއާރްސީ އާއި އެޓާނީ ޖެނެރަލްގެ އޮފީހުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.