ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނުލަފާކަން ބަލައިލި ކޮންމެ ދިމާލަކުން ވެސް ފެންނަމުންދާ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އިސްލާމްދީނާ ދެކޮޅަށް ރިޕޯޓެއް ނެރުނު އެމްޑީއެންގެ ޑިރެކްޓަރު ޝަހިންދާ އިސްމާއީލް ރާއްޖެ އިން ބޭރުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން އިން ފޮޓޯއަކާއި ނާޒިމް ސައްތާރުގެ ފޮޓޯއަކާއި އެމްޓީސީސީ އިން ހިންގަމުން ގެންދާ ކޮރަޕްޝަންގެ އަމަލުތަކާ ގުޅިގެން ތައްޔާރުކޮށްފައިވާ ޕޯސްޓަރަކާއި ކޯލިޝަންގެ ލީޑަރުން ފެންނަ ފޮޓޯއެއް ހިމަނާ ޑރ. ޖަމީލު ކުރެއްވި ޓްވީޓއްގައި ވިދާޅުވީ ކޮންމެ ދިމާލަކުން ފެންނަނީ ރައީސް ސޯލިހުގެ ނުލަފާކަން ދައްކާތަން ކަމަށެވެ.

ރައީސް ސޯލިހުގެ ނުލަފާކަމުގެ ހެއްކަކީ ރައީސް ސޯލިހް ކިރިޔާ ބަޔަކު ރުއްސާލެވޭ ވަރަށް ދީން ބޭނުން ކުރުމާއި ކޮރަޕްޝަނަކީ އެމްޑީޕީ އާއި އަދި ކޯލިޝަންގެ ލީޑަރުން މައިތިރިކުރާ މައި ހަތިޔާރު ކަމުގައި ހެދުން ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

"ކޮރަޕްޝަނަކީ ޕާޓީ އާއި ކޯލިޝަންގެ ލީޑަރުން މައިތިރިކުރާ މައި ހަތިޔާރު. ވެރިޔަކު ނުލަފާވާނީ ދެން ކިހާވަރެއް ވީމާބާ؟" ޑރ. ޖަމީލް ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ސަރުކާރަކީ ކޮރަޕްޝަން އިންތިހާއަށް އިތުރުވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުނެވެ. އަދި އިސްލާމް ދީނާ ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކަށް މިސަރުކާރުން ހިމާޔަތްދޭ ކަމަށް ބުނެ ވެސް މި ސަރުކާރަށް އަންނަނީ ފާޑުކިޔަމުންނެވެ.