ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދީގެން އެއް މިލިއަން ރުފިޔާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރި ކަމަށް ހެއްކަކު ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދިނީ އަދީބުގެ ގާތް އެކުވެރިއެއް ކަމަށްވާ އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ހުސައިން (އޮއިއްޓޭ) އެވެ. އޭނާއަކީ ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހެކެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީނަށް ކުރާ ދައުވާއާ ގުޅިގެން ހެކިބަސް ދެމުން އޭނާ ބުނިގޮތުގައި 2013 ވަނަ އަހަރު އަދީބު ހަވާލުކުރި އެއް މިލިއަން ރުފިޔާ ޔާމީނާ ހަވާލުކުރީ އެމަނިކުފާނުގެ ގެކޮޅަށް ގޮސްގެންނެވެ. ފުރަތަމަ ހަވާލުކުރީ އެއް ލައްކަ ރުފިޔާ ކަމަށާއި އެކަމަކު އެމަނިކުފާނުގެ މޫނުފުޅުން ނުތަނަވަސްކަން ފެނުމުން އަދީބުގެ އެންގެވުމުގެ މަތިން އިތުރު ނުވަ ލައްކަ ރުފިޔާ ޔާމީނާ ފަހުން ހަވާލުކުރި ކަމަށް ވެސް އޮއިއްޓޭ ހެކިބަސް ދިނެވެ.

"ވަން މިލިއަން ރުފިޔާ ހަވާލުކުރީ." އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި އޭރު އޭނާ މަސައްކަތްކުރީ އަދީބުގެ ޑްރައިވަރަކަށެވެ. އަދި އޭރު ފައިސާ އެކި ތަންތަނުގައި ބަހައްޓާ ކަމަށާއި އަދި ގިނަ މީހުންނާ ފައިސާ ހަވާލުކުރަނީ ވެސް އަދީބުގެ އެންގެވުމުގެ މަތިން އޭނާ ކަމަށް އޮއިއްޓޭ ބުންޏެވެ.

ފައިސާ ހަވާލުކުރީ ކަރުދާސް ކޮތަޅަކަށް ލާފައި ކަމަށާއި އަދި ފައިސާ ހުންނާނީ 500 ރުފިޔާގެ ނޫޓުތައް 10 ބޮނޑިއަށް ހަދާފައި ކަމަށް އޮއިއްޓޭ ބުންޏެވެ.

އޮއިއްޓޭގެ ހެކިބަހަކީ އާރަށް މައްސަލައާ ގުޅޭ ހެކިބަހެއް ނޫން ކަމަށް ބުނެ ޔާމީންގެ ވަކީލުން ކޯޓުގައި ކަންބޮޑުވުން ފާޅުކުރި އެވެ. އެކަމަކު ދައުލަތުން ބުނީ އެ ސުވާލުތައް ކުރަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅުން އޮތްކަން ސާބިތުކުރަން ކަމަށެވެ.

އޮއިއްޓޭ ހެކިބަސް ދިނީ އިނގިރޭސިވިލާތުގައި ހުރެގެން އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ހާޒިރުވެގެން އޮންލައިންކޮށެވެ. އެ މައްސަލަ ޔާމީންގެ ވަކީލުން ނެންގެވި އެވެ. އަދި އޮންލައިންކޮށް އެ މައްސަލާގައި ހެކިބަސް ނުނެގޭނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.

ދައުލަތުން ބުނީ އޮއިއްޓޭ މިހާރު ދިރިއުޅެނީ ރާއްޖެއިން ބޭރުގައި ކަމަށެވެ. އަދި އެގޮތަށް އޮންލައިންކޮށް ހެކިބަސް ނެގުމަކީ މައްސަލައެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ވެސް ނިންމެވީ އެގޮތަށް ހެކިބަސް ނެގޭނެ ކަމަށެވެ. އަދި ހެކިބަސް ނަގާނެ ގޮތް ދުރާލާ އަންގާފައި އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލާގެ އިތުރު އަޑުއެހުމެއް ވެސް އަންނަ މަހު ބާއްވާނެ އެވެ. ޔާމީންގެ އިތުރުން ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް އެ މައްސަލާގައި ދައުވާކުރެ އެވެ.