ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އިއްޔެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ހާއްސަވި ގިނަ ސަބަބުތަކެއް ވެ ވެ.

ރައީސް ޔާމީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމެވެ. ހަތަރު ގަޑިއިރެއްހާ އިރަށް ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހުރިހާ ނޫސްވެރިން ކުރެއްވި ސުވާލަށް ވަރަށް ފުރިހަމަށް ޖަވާބު ވެސް ރައީސް ޔާމީން ވަނީ ދެއްވާފަ އެވެ.

ގިނަ ދުވަސްތަކަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ ގައުމީ ސަލާމަތާއި ހާރިޒީ ގުޅުންތަކާއި އިގްތިސާދާއި ދީނާއި ބޯހިޔާވަހިކަމާއި ޝަރުއީ ދާއިރާގައި ހުރި މައްސަލަތަކާއި ބެހޭ ގޮތުން ވަރަށް ފުރިހަމައަށް ވާހަކަ ދައްކަވާފަ އެވެ. އަދި ގައުމުގައި މިހާރު ހުރި ބޮޑެތި މައްސަލަތަކާ މެދުގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ވަރަށް ފުރިހަމަ ޖަވާބެއް ރައީސް ޔާމީން ވަނީ ދެއްވާފަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެމަނިކުފާނު ވަރަށް ގިނައިރުވަންދެން ނޫސްވެރިންގެ ބައްދަލުވުންތައް ވަނީ ބާއްވާފަ އެވެ. ކޮންމެ ނޫސްވެރިޔަކަށް ސުވާލުކުރުމުގެ ފުރުސަތު ލިބިގެންދިޔަ މި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންމެ ސުވާލަކަށް ވެސް ރައީސް ޔާމީން ޖަވާބު ދެއްވާފައި ވަނީ މިސާލުތަކާއެކު އެވެ. އަދި ރުންކުރުކޮށް ޖަވާބު ދެއްވާފައެއް ނުވެ އެވެ. އަދި ޖަވާބު ދެއްވުމުގައި މަޖާޒީ އެތަކެއް ކަމައް ވެސް ފެނިގެންދިޔަ އެވެ.

ރައީސް ޔާމީންގެ 4 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމަށް ބަލާލާއިރު ގިނަ އައު ވާހަކަތަކެއް ރައީސް ޔާމީން ހިއްސާ ކުރައްވާފަ އެވެ. މީގެ ކުރިން އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ނުދެކެވޭ އާ ވާހަކަތަކެއް ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ ހާމަކުރައްވާފަ އެވެ. އަދި އެމަނިކުފާނާއެކު މީގެ ކުރިން ސިޔާސީ މަސައްކަތް ކުރެއްވި ބޭފުޅުން ދުރަށް ދިޔަ ސަބަބު ވަރަށް ތަފްސީލުކޮށް ހާމަކުރެއްވި އެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަ ކުރެވުނު އަނެއް ކަމަކީ ވަކި ބޭފުޅަކަށް ޒާތީވެގެން ވާހަކަ ދައްކާފައިނުވުމެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ނައިބު ރައީސަކަށް ގެންނަވާނެ ބޭފުޅަކާ ގުޅޭ ގޮތުން ވެސް ވާހަކަތައް ހިއްސާކުރެއްވި އެވެ.

ހަމައެކަނި މާލެއިން މާލެ ރައްޔިތުންނަށް ގޯތި ދިނުމާއި ގުޅޭ ގޮތުން ރައީސް ޔާމީންގެ ހިޔާލު ވެސް ހިއްސާކުރެއްވި އެވެ. ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމާ ގުޅޭގޮތުން ވެސް ރައީސް ޔާމީން ވަނީ ވާހަކަ ދައްކާފަ އެވެ.

ރައީސް ޔާމީން ބޭއްވެވި މި ޕްރެސް ކޮންފަރެންސް ރޭ މެންދަމުން އަލިވެ 1:00 ޖެހިފަހުން ނިމުނުއިރު މިނޫސްވެރިންގެ ބައްދަލުވުމުގައި ހުރިހާ ނޫސްވެރިނަށްވެސް ސުވާލު ކުރުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ސިޔާސީ ވެރިން އުޅުއްވާނީ ރައީސް ޔާމީން ރޭ ދެއްކެވި ވާހކަފުޅުތަކަށް ރައްދު ދެއްވުމުގައިކަން އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ.

ކޮންމެއަކަސް ރައީސް ޔާމީން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަކީ ރާއްޖޭގައި މީގެ ކުރިން ބާއްވާފައި ނުވާ ފަދަ ދިގު ނޫސްވެރިންގެ ބައްދަލުވުމެކެވެ. އެކަމާ ދެބަސްވާނެ ފަރާތެއް ނުހުންނާނެ އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމަށްފަހު ގިނަ ބަޔަކު އަންނަނީ ރައީސް ޔާމީންނަށް ތައުރީފު ކުރައްވަމުންނެވެ. އެއްވެސް ފޫހިކަމެއް ނެތް، ޖެހިލުމެއް ނެތި ނޫސްވެރިންގެ ސުވާލުތަކަށް ރައީސް ޔާމީން ދެއްވި ޖަވާބުތަކުން ގިނަ ބަޔަކު ރައީސް ޔާމީނަށް ތައުރީފު ކުރައްވަމުންނެވެ.

އަދި ރާއްޖޭގެ ސިޔާސީ މައިދާނުގައި ނޫސްވެރިނާ މިހާ ދިގުކޮށް ބައްދަލު ކުރައްވަން ކެރިވަޑައިގަންނަވާނެ ބޭފުޅަކު ނުހުންނާނެ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ނޫސްވެރިން ކުރާ ކޮންމެ ސުވާލަކަށް ވެސް ފަސްޖެހުމެއް ނެތި ޖަވާބު ދެއްވާނެ ލީޑަރަކީ ރައީސް ޔާމީނުކަން ކަށަވަރެވެ.