ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކޮވިޑް ވެކްސިން ހިލޭ ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ލ. ގަމު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ތައާރަފް ކުރުމާއި އިންޖީނުގެ އެއް ނެޓްވޯކަކުން ގުޅާލުމާއި ފުޓުބޯޅަ ދަނޑު ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވެކްސިން ދިނުމުގައި އެއްވެސް މީހަކު ބާކީ ނުކުރާނެ ކަމަށެވެ.

"ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެއްވެސް ރައްޔިތަކު ބާކީނުކޮށް އަދި ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށްވެސް ހިލޭ އެ ވެކްސިން ފޯރުކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ، ގަމު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލުތަކަށް އަލިއަޅުއްވާލައްވާފައެވެ. މި ގޮތުން، އޯޕީޑީގައި އިތުރު ކޮޓަރި ބިނާކުރުމުގެ އިތުރުން ޑިޖިޓަލް އެކްސްރޭއާއި، މެމޯގްރާމްއާއި، ދަތުގެ ފަރުވާ އަދި ފިޒިއޯތެރަޕީ ފަދަ ޚިދުމަތްތަކާއި، ލެބޯޓްރީއަށް ބޭނުންވާ ސާމާނު ހޮސްޕިޓަލަށް ގެނެވިފައިވާކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، އެ ތަކެތި ބަހައްޓާ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން ގެންދާ ކަމުގަ އެވެ.

އަދި، އެ ތަނަށް ބޭނުންވާ ޑޮކްޓަރުންނާއި އެހެނިހެން ޞިއްޙީ ޚިދުމަތްތެރިން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އަންނަ އަހަރުގެ ތެރޭގައި ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމާއި، ޞިއްޙީ ދާއިރާގެ ތަރައްޤީއާއި ކުރިއެރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އަވަށްޓެރި އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ލ.ގަމުގައި ކެންސަރަށް ފަރުވާދިނުމަށް ޚާއްޞަ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ. އަދި އެ ކަމާގުޅޭ ލިޔެކިޔުންތައް ދެ ޤައުމުގެ ސަރުކާރުގެ މެދުގައި ބަދަލުކުރެވި، އެ ކަމާގުޅޭ މަޝްވަރާތައް ކުރަމުންދާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

މިފަދަ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅިގެން އުފެދެމުންދާ ވަޒީފާގެ ފުރުޞަތުތަކާ ގުޅޭ ގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވި އެވެ. މި ގޮތުން، މިފަދަ މަޝްރޫޢުތަކާއެކު އެކި ދާއިރާތަކުން މަތީ ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް، އެ މީހުންގެ އަމިއްލަ ރަށާއި އަތޮޅުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ތަނަވަސް ފުރުޞަތުތަކެއް އުފެދިގެންދާނެ ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ލާމަރުކަޒު ކުރުމަށް ފާއިތުވި ދެ އަހަރުގެ ތެރޭގައި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، އެ މަސައްކަތްތަކަށް ރައްޔިތުންގެ އިތުބާރު ލިބި، އަތޮޅުތަކުގެ ހޮސްޕިޓަލުތަކުން ޚިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމުގަ އެވެ.