މާލޭގެ ގެއެއްގެ ތެރޭގައި މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ވަރަށް އަނިޔާވެރިކޮށް މަރާލި ޒުވާން އަންހެން ކުއްޖާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ފަހު މާލެ ގެނެސްފި އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި މިރޭގެ ވަގުތެއްގައި ޝިއާއުގެ ހަށިގަނޑު ރާއްޖެ ގެނެސް ވަނީ ގަލޮޅު މޯޗަރީއަށް ލައިފަ އެވެ. އޭނާގެ ޕޯސްޓް މޯޓަމް ހެދީ އިންޑިއާ އިންނެވެ.

އަނިޔާވެރި ގޮތަކަށް މިދިޔަ ހޮނިހިރު ދުވަހު މަރާލާފައިވަނީ ޏ. ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ރާއްޖޭގެ މަޝްހޫރު ސްކޭޓަރު އަލީ ޝާހިލް އެވެ.

ޝިއާއު މަރާލި ސަބަބެއް އަދި ނޭނގެ އެވެ. އޭނާ މަރާލިއިރު ޝާހިލް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ކްރިމިނަލް ކޯޓުން މިހާރު ވަނީ ޝަރީއަތް ނިމެންދެން ޝާހިލް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

އޭނާ ހައްޔަރުކުރީ ކުށުގެ ވެށިންނެވެ. ޝާހިލްގެ ބައްޕަ އިބްރާހީމް ނަސީމް ބުނެފައި ވަނީ އޭނާގެ ދަރިފުޅަށް ވިޔަސް އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެކަން ސާބިތުވެއްޖެނަމަ ދަރިފުޅަށް މަރުގެ އަދަބު ދޭންޖެހޭ ކަމަށް ވެސް ނަސީމް ވަނީ ބުނެފަ އެވެ.