ފެށުނީއްސުރެ ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓްރ ފައްޔާޒް އިސްމާއީލް ބަރުލަމާނީ ނިޒާމު ގެންނަން ފާޅުގައި ދެކޮޅު ހައްދަވައިފި އެވެ.

ބައެއް މީޑިއާތަކަށް ފައްޔާޒު ވިދާޅުވެފައިވަނީ އޭނާއަކީ ބަރުލަމާނީ ނިޒާމަށް އެއްވެސް އިރެއްގައި ތާއީދު ކުރި މީހެއް ނޫން ކަމަށެވެ.

"އަޅުގަނޑަކީ، ފެށުނީއްސުރެ ރާއްޖޭގައި އޮންނަން ޖެހޭނީ ރިޔާސީ ނިޒާމެއްކަމަށް ތާއީދުކުރާ މީހެއް،" ފައްޔާޒު ވިދާޅުވެފައިވެ އެވެ. އޭނާ މިހެން ވިދާޅުވެފައިވާ އިރު މިއަދު ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ، މި މަސައްކަތުގައި ފައްޔާޒުގެ ބޭނުން ނުހަނު ބޮޑުކަން ފާހަގަކޮށް، އޭނާގެ ތާއީދު އެ މަސައްކަތުގައި ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދުގެ ބަރުލަމާނީ މަސައްކަތް ފެއްޓުުވުމާއެކު މީގެ ކުރިން ވެސް ފައްޔާޒު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ. އަދި މިދިޔަ ހުކުރު ދުވަހު އެމްޑީޕީ ވަޓްސްއެޕް ގްރޫޕުގައި ވެސް ފައްޔާޒު ވަނީ މިކަމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ.

ބަރުލަމާނީ ނިޒާމެއްގައި އެމަނިކުފާނު ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގައި ފައްޔާޒުގެ ތާއީދަށް އެދިވަޑައިގެންފައި އޮތަސް 2023ގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބުގައި ވާދަކުރައްވައިގެން ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފަ އެވެ.