ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެންނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއިދު ނުކުރައްވާ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

ބަރުލަމާނީ ނިޒާމާއި ގުޅޭގޮތުން ސިޔާސީ އެކި ލީޑަރުން ވާހަކަފުޅު ދައްކަވަމުން ގެންދަވާތީ، "ރާއްޖެ ޓީވީ" އަށް ދެއްވި ހާއްސަ އިންޓަވިއުގައި ރައީސް ސޯލިހު ވިދާޅުވީ ބަރުލަމާނީ ނިޒާމަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ.

ރައީސް ސާލިހު ވަނީ، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްއަށް ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދެވުމަށް އެދިވަޑައިގަންނަވާފަ އެވެ.

ރައީސް ސާލިހު ވިދާޅުވީ މިވަގުތަށް ރާއްޖެއަށް މުހިންމީ، ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން ކަމަށާއި، މިވަގުތަކީ ނިޒާމު ކަނޑައެޅުމަށް މަސައްކަތް ކުރައްވަންވީ ވަގުތު ނޫން ކަމަށެވެ. އަދި ރާއްޖޭއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށްވުރެ އަދި އޮތީ މާ ޅަފަތުގައި ކަމަށާއި، އެހެންނަމަވެސް، ބަރުލަމާނީ ނިޒާމް ގެންނަން މަސައްކަތް ކުރާ ނަމަ އެ މަސައްކަތް ކުރެއްވިދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ކުރުގޮތަކަށް ދަންނަވާނަމަ އަޅުގަނޑަށް ތާއިދުކުރެވެނީ މިހާރުވެސް މި އޮތްގޮތް އެއީ ތިންބާރު ވަކިކުރެވިފައިވާ ރިޔާސީ ނިޒާމެއްގެ ތެރެއިން ސަރުކާރުން ހިންގުން،" ރައީސް ވިދާޅުވި އެވެ.

އެގޮތުން ނިޒާމާ ގުޅޭގޮތުން ރައްޔިތުން ކައިރިއަށް ގޮސް މިކަމުގައި ވާހަކަދައްކާ، ރައްޔިތުންނަށް ނިޒާމު އޮޅުންފިލުވައިދީ، މިކަމާއި ގުޅޭގޮތުން ބަހުސް ކުރެވި، ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމަށް އޭގެ ފަހުން މަސައްކަތް ކުރެއްވިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބަރުލަމާނީ ނިޒާމަށް ދިއުމަށް އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު ފާސްވާނެކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަދި އެ ގަރާރު ޕާޓީގެ ތެރެއިން ފާސްވެއްޖެނަމަ އެކަމާއި ގުޅޭގޮތުން ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް މަޖިލީހަށް އެ މައްސަލަ ވައްދާ ބަހުސް ކުރަންޖެހޭނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެތެރެއިން ސަރުކާރު އެކުލަވާލާ ވާހަކަ މި ދެކެވެނީ. އަޅުގަނޑަކަށް ތާއިދެއް ނުކުރެވޭ ގާނޫނު ހަދާ މަޖިލީހާއި، ގާނޫނު ހެދުމުގެ ބާރު އޮތް ފަރާތާއި ހިންގުމުގެ ބާރު އެއްކޮށް މަސްހުނިކުރާކަށް. އޭގެ ސަބަބުން ޖަވާބުދާރީ ކުރުމާއި، ޒިންމާދާރު ކުރުމުގައި ބޮޑެތި މައްސަލަތަކެއް ނުކުންނާނެކަމުގައި އަޅުގަނޑަށް ގަބޫލުކުރެވޭ. އޭގެ ބަދަލުގައި ތިންބާރު ވަކި ކުރެވިފައި އޮތް މި ނިޒާމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވާ، ޒިންމާދާރު ކުރުވާ، ޖުޑިޝަރީ މިނިވަންކަމާއެކު ހިންގެން އޮތް ނިޒާމް އެއީ އަޅުގަނޑު ތާއިދުކުރާ ނިޒާމަކީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރު މި އޮތް ނިޒާމްގެ ތެރޭގައި ހުރީ ކޮން މައްސަލަތަކެއްތޯ، ކޮންކަމެއްތޯ ނުކުރެވިގެން މިއުޅެނީ ކިޔައިދެއްވަންޖެހޭ ކަމަށެވެ. ހަމައެއާއެކު މިހާރު މި ގެންނަން އުޅޭ ބަދަލުގެ ތެރޭގައި ފައިދާއެއް އޮތިއްޔާ، ފައިދާ ކިޔައިދެއްވަން ޖެހޭ ކަމަށެވެ. އެއަށްފަހު ނޫނިއްޔާ މިފަދަ ގަރާރެއް ފާސްކޮށްގެން ރައްޔިތުންނާ ހަމައަށް ދާކަށެއް އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ހަތަރު އަހަރު ފުރިހަމަ މިވަނީ ކޯލިޝަނަކާއެކީގައި ކަމަށެވެ. އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގައި އިރާދަކުރެއްވިއްޔާ ކުރިއަށްގެންދެވޭ ވެސް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ނިޒާމުގައި އޮތް މައްސަލައެއްކަމަށް އެމަނިކުފާނަށް މުޅިއަކުން ފެނިވަޑައިނުގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ގަރާރު ގެންނަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ކޮންގްރެސްގެ ތެރެއިން މި ފާސްވެގެންދާތަން ވެސް ފެނިވަޑައިނުގަންނަވާ ކަމަށެވެ. ޕާޓީގެ ތެރެއިން ފާސްކުރިޔަސް އަދި މަޖިލީހަށް ދާންޖެހޭ ކަމަށާއި، މަޖިލީހުން ގާނޫނުއަސާސީއަށް ބަދަލެއް ގެންނަންޔާ އެ ފާސްކުރައްވާނެ ވެސް އެމަނިކުނު ވިދާޅުވި އެވެ. އަދި އެއަށްފަހު ރިފަރަންޑަމްއަކަށް ދާންޖެހޭނެ ކަމަށާއި، ގާނޫނުގެ ތެރެއިން ކުރަންޖެހޭ ކަމެއް އެމަނިކުފާނު ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެހެންނަމަވެސް މިއީ މިވަގުތު ކުރިއަށްގެންދަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނަށް ގަބޫލެއް ނުކުރެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.