ރާއްޖޭގެ މިވަގުތުގެ ހާލަތަށް ބާލާއިރު އެންމެ ރަގަޅު ގޮތަކީ ރިޔާސީ ނިޒާމެއް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހުލޫފު މިގޮތަށް ވިދާޅުވެ ޓްވީޓް ކުރައްވާފައި މިވަނީ އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ތާއީދު ހޯދުމުގެ މަސައްކަތް ފަށްޓަވާފައިވާ ދަނޑިވަޅެއްގަ އެވެ.

ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމަށް ބަދަލުކުރެއްވުމަށްޓަކައި އަންނަ ހުކުރު ދުވަހު ބޭއްވުމަށް ނިންމާފައިވާ އެމްޑީޕީގެ ކޮންގުރެސްއަށް ގަރާރެއް ހުށަހަޅާފަ އެވެ. މިކަމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެގަރާރު ނެގުމަށް ރައީސް ނަޝީދު އަރިހުގައި އެދިފަ އެވެ. އަދި ރާއްޖެއަށް ރަގަޅީ ރިޔާސީ ނިޒާމެއް ކަމަށާއި ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަކަން ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލާގައި އެމްޑީޕީ އެތެރޭގައި ބައިބައިވުން އިތުރަށް އުފެދިގެން ގޮސްފައިވާ ދަނޑިވަޅެއްގައި މިނިސްޓަރު މަހުލޫފު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ރިޔާސީ ނިޒާމުގެ ވިސްނުންފުޅަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި މިިވަގުތާއި ހާލަތަށް ބަލާއިރު އެންމެ ރަނގަޅުގޮތަކީ ރިޔާސީ ނިޒާމެއްގައި ކުރިޔަށް ދިއުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ރައީސް ނަޝީދު ފަށްޓަވައިގެން ކުރިއަށްގެންދިޔަނަމަވެސް އެކަމަށް ރާއްޖޭގެ ސިޔާސީ މައިދާނުން މާބޮޑު ތަރުހީބެއް ނުލިބެ އެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ބަރުލަމާނީ ނިޒާމަށް ދަނީ ދެކޮޅު ހައްދަވަމުންނެވެ.