އެމްޑީޕީ އަކީ ދިވެހިންނަށް އިންސާފާއި ހަމަހަމަކަމާއި ހައްގުތައް ލިއްބައިދިނުމަށް ރޯކުރި ޑިމޮކްރަސީގެ ދަންމަރުގެ ގޮތުގައި ސިފަކުރައްވައި، އެ ދަންމަރުގެ ހުޅުކޮޅު ނިވެން ދޫކޮށްލުމަކީ އޮތް އިހުތިޔާރެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް މިރޭ މާލޭ ސޯޝަލް ސެންޓަރުގައި ފެށުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ހުރިހާ ބޭފުޅުން ކަހަލަަ ގޮތަކަށް ވާހަކަދެއްކެވުމަށް ވަނީ ތާވަލުކޮށްފަ އެވެ. އެމްޑީޕީގެ އިސް ލީޑަރުގެ ގޮތުގައި ހުންނެވި ރައީސް ސޯލިހް ވަނީ ކޮންގްރެސްގައި ބައިވެރިވާ 1،000އަށް ވުރެ ގިނަ މީހުންނާ މުހާތަބުކުރައްވައި ތަގުރީރުކުރައްވާފަ އެވެ.

އެ ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ ބައެއް ކަންތައްތަކަކީ އެންމެންނަށް އެއްބަސްވެވޭ ކަންތައްތައް ކަމަށެވެ. އަދި އަނެއް ބައި ކަންކަމަކީ އެއްބަސް ނުވެވޭ ކަންކަމަށް ވެސް ވެދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ހަމައެކަނި އޮތް ގޮތަކީ ހިޔާލު ތަފާތުވުންތަކާއި ތަފާތު ހިޔާލުތަކާ އެކުގައި ކުރިއަށް ދިއުން،" ރައީސް ސޯލިހްއާ އެންމެ ބޮޑަށް ހިޔާލު ތަފާތުވެފައިވާ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި ކޮންގްރެސްގައި ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ރާއްޖެ އާއި ދިވެހިންނަށް އުފާވެރި މާދަމާއެއް ގެނެސްދިނުމަށް އެކުވެގެން ދިއްލި ދަންމަރުގެ އުޖާލާކަން އެންމެ ހިނދުކޮޅަކަށް ވެސް ނިވުނަ ދީގެން ނުވާނެ ކަމަށެވެ.

އިސްލާމް ދީނުގެ ސައްހަ އަގީދާގައި ދެމިތިބެ، ގައުމިއްޔަތުގެ ތަނބުތަކާއި ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި ދަމަހައްޓަން ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ކޮންގްރެސް އިފްތިތާހުކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދަައްވަނީ. ފޮޓޯ: އެމްޑީޕީ

ރައީސް ވިދާޅުވި ގޮތުގައި، އެމްޑީޕީއަށް 17 އަހަރު މިދިޔަ ޖޫން 26 އަށް ފުރުނު އިރު، އެ ޕާޓީއަށް ވުރެ ބޮޑު ސިޔާސީ މިލްކިއްޔާތެއް ދިވެހިން އުފައްދައި ދިރުވައި އާލާކޮށް ދަމަހައްޓާފައެއް ނެތެވެ. އެމްޑީޕީ މި ހިސާބަށް އައުމުގައި ޝާމިލްވާ ގިނަ އަދަދެއްގެ ރައްޔިތުންގެ މިންނެތް ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަކީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މުސްތަހީލު ކަމެކެވެ.

"ރިސޯޓެއްގެ ރެސްޓޯރެންޓުގައި ހުންނަ ވެއިޓަރު ދެކެނީ މި ޕާޓީ އުފެއްދުމުގައި އޭނާގެ ދައުރު ނުހަނު ބޮޑުކަމުގައި. ކަސްޓަމްސް ކައިރިން އެތާ ތިބޭ މަޖޫރީން ދައްކަނީ އެމްޑީޕީ އުފެއްދުމުގައި އެ މީހުން ވީ ގުރުބާނީގެ ވާހަކަ. ބާޒާރުމަތިން ވިޔަފާރިވެރިން ވެސް އެ މީހުންގެ ވިޔަފާރި ނުރައްކަލަށް ހުށަހަޅާ އަދާކުރި ދައުރުގެ ވާހަކަ ފަހުރުވެރިކަމާ އެކު ދައްކާ. މަސްވެރިންނާއި ދަނޑުވެރިން. މިއުޒިޝަނުންނާއި އާޓިސްޓުންނާއި ނޫސްވެރިން. ޓެކްސީ ޑްރައިވަރުންނާއި އޮޑިދޯނިފަހަރުގެ ފަޅުވެރިންނާއި ނެވިން. މިހެން ގޮސް މި ލިސްޓް ކިތަންމެ ދިގުކޮށް ވެސް ކިއިދާނެ. އެ އެންމެން ވެސް މި ޕާޓީ އުފެއްދުމުގައި އަދާކުރި ދައުރަށްޓަކައި ފަހުރުވެރިވޭ. އަދި ވަކިން ހާއްސަކޮށް ދިވެހި އަންހެނުން އަދާކުރި ހިތްވަރުގަދަ ދައުރުގެ ވާހަކަ ދައްކަނީ އުފަލާއި ފަހުރުވެރިކަމާ އެކު،" ރައީސް ވިދާޅުވި އެވެ.

"އެއިން ކޮންމެ މީހަކު ވެސް ދެކޭ ގޮތުގައި މިއީ އެ މީހުން އުފެއްދި، އެ މީހުންގެ ޕާޓީ. މިއީ ހަމަ ތިޔަ ހުރިހާ ބޭފުޅުންގެ ވެސް ޕާޓީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ މިއަދު ނުކުރެވި، ކޮންމެހެން ނިންމަން ޖެހޭ ކަންކަމުގެ މައްޗަށް ވިސްނަން ޖެހޭ ކަމަށާއި މިވަގުތު ކުރަން ޖެހޭ އެންމެ މުހިންމު އަދި އަވަސް މަސައްކަތަކީ އެމްޑީޕީ އެ މަގުން ދިއުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުން ކަމަށެވެ. އެގޮތުން ނިންމަން ޖެހޭ ނިންމުންތަކާއި އެކަށައަޅަން ޖެހޭ ސިޔާސަތުތަކާއި ރޭވުންތައް ރާވައި އިންތިޒާމު ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި އެމްޑީޕީ އުފެދުނު އިރު، ދުނިޔެއަށް އުފަންވި ކުއްޖާ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލާނެއެވެ. އެމީހުން ތިބީ ގާނޫނީ ވަކި ފަރުދަކަށް ބަދަލުވެފައި ކަމަށާއި މި ޖީލުގެ ބޭނުންތަކާއި އުންމީދުތައް މީގެ 17 އަހަރުގެ ކުރިއާ ބަލާއިރު، އެމީހުންގެ ތަފާތު ކަމަށް ވިދާޅުވިއެވެ.

"ކަންކަމުގައި ދެކޭ ގޮތް ބަދަލުވެއްޖެ. މި ޖީލަށްޓަކައި މި ދުވަސް ހޯދަން އެމްޑީޕީން ކުރި މަސައްކަތްތަކާއި ދެން ކުރަން އޮތް މަސައްކަތް ހާސް ތަފާތު،" ރައީސް ވިދާޅުވި އެވެ.

ކަންކަމުގައި ދެކޭ ގޮތް ބަދަލުވެއްޖެ. މި ޖީލަށްޓަކައި މި ދުވަސް ހޯދަން އެމްޑީޕީން ކުރި މަސައްކަތްތަކާއި ދެން ކުރަން އޮތް މަސައްކަތް ހާސް ތަފާތު،
ރައީސް ސޯލިހް

އެމްޑީޕީއަށް ލިބުނު ތަޖުރިބާތަކާއި ކުރެވިފައި ހުރި ކަންކަމާއި ނުކުރެވި ހުރި ކަންކަމުގެ މައްޗަށް ވިސްނަން ޖެހިފައި ވާކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވި ގޮތުގައި، އެމްޑީޕީން މި ވަގުތު ކުރަން ޖެހޭ އެންމެ މުހިންމު އަދި އަވަސް މަސައްކަތަކީ އެ ޕާޓީން ނިންމަން ޖެހޭ ނިންމުންތަކާއި އެކަށައަޅަން ޖެހޭ ސިޔާސަތުތަކާއި ރާވަން ޖެހޭ ރޭވުންތައް ކުރިއަށް ރާވައި އިންތިޒާމު ކުރުމެވެ.

"މި ދެންނެވި މަރުހަލާއަށް ފަށާ އިރު އަޅުގަނޑުމެން ވިސްނާލަން ޖެހޭ ވަރަށް މުހިއްމު އެއް ކަމެއް އަޅުގަނޑަށް އެބަ ފާހަގަވޭ. އެމްޑީޕީ އުފެދުނު ދުވަހު ދުނިޔެއަށް އުފަންވި ކުއްޖާ، މި އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެބަ ވޯޓުލާ. އަޅުގަނޑުމެން މި ކިޔާ 'ޖެން-ޒީ' މިއަދު އެ ތިބީ ބަސް ބުނާ އުމުރަށް ހިންދެމި، ގާނޫނީ ވަކި ދިވެހި ފަރުދަކަށް ވެފައި،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ކޮންގްރެސް އިފްތިތާހުކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދަައްވަނީ. ފޮޓޯ: އެމްޑީޕީ

"އެ ޖީލުގެ ބޭނުންތަކާއި އުންމީދުތައް މީގެ 17 އަހަރު ކުރިއާ ވަރަށް ތަފާތު. ކަންކަމުގައި ދެކޭ ގޮތް ބަދަލުވެއްޖެ. އެ ޖީލަށްޓަކައި މި ދުވަސް ހޯދަން އެމްޑީޕީން އޭރު ކުރި މަސައްކަތްތަކާއި ދެން ކުރަން އޮތް މަސައްކަތް ހާސް ތަފާތު."