ދައުލަތަށް އަނބުރާ ހޯދަން ޖެހޭ ފައިސާ އާއި މުދަލުގެ ގިނަކަން ފާހަގަކުރައްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ 2009 ވަނަ އަހަރާ 2020 ވަނަ އަހަރާ ދެމެދު ކޮރަޕްޝަންގެ ކުށްތަކުން އެކަނި ވެސް 1.9 ބިލިއަން ރުފިޔާ ދައުލަތަށް ގެއްލިގެން ގޮސްފައިވާ ކަމަށާއި، އޭސީސީ އިން އިސްނަގައިގެން މިއަދު މިފެށި މަސައްކަތް މުހިންމުވަނީ އެ ސަބަބައްޓަކައި ކަމަށް.

ކޮރަޕްޝަންގެ ކުށްތަކުން އެކަނި ވެސް 2009 ން 2020 އާ ދެމެދު 1.9 ބިލިއަން ރުފިޔާ ދައުލަތަށް ގެއްލިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިސްނަގައިގެން އެސެޓް ރިކަވަރީގެ ގައުމީ ނިޒާމު ގާއިމްކުރުމާގުޅޭ މަސައްކަތު ބައްދަލުވުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ހިންގުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް އެސެޓް ރިކަވަރީގެ ހަރުދަނާ ނިޒާމެއް އޮންނަން ޖެހޭ ކަމަށެވެ.

ދައުލަތަށް އަނބުރާ ހޯދަން ޖެހޭ ފައިސާ އާއި މުދަލުގެ ގިނަކަން ފާހަގަކުރައްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ 2009 ވަނަ އަހަރާ 2020 ވަނަ އަހަރާ ދެމެދު ކޮރަޕްޝަންގެ ކުށްތަކުން އެކަނި ވެސް 1.9 ބިލިއަން ރުފިޔާ ދައުލަތަށް ގެއްލިގެން ގޮސްފައިވާ ކަމަށާއި، އޭސީސީ އިން އިސްނަގައިގެން މިއަދު މިފެށި މަސައްކަތް މުހިންމުވަނީ އެ ސަބަބައްޓަކައި ކަމަށެވެ.

އޭސީސީން އިސްނަގައިގެން އެސެޓް ރިކަވަރީގެ ގައުމީ ނިޒާމު ގާއިމްކުރުމާގުޅޭ މަސައްކަތު ބައްދަލުވުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީރާއި އޮޑިޓ ޖެނެރަލް އަދި ޕްރޮސެކިއުޓާ ޖެނެރަލް އާއި އޭސީސީގެ މެމްބަރުން ބައިވެރިވަނީ. ފޮޓޯ: އޭސީސީ

ކޮރަޕްޝަނާއި ދެކޮޅަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަމުންދާކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން 2018 ވަނަ އަހަރު ސީޕީއައިގައި ރާއްޖެ 124 ވަނާގައި އޮތް ނަމަވެސް 2021 ވަނަ އަހަރުގެ ރޭންކިންގައި ބޮޑުތަނުން ކުރިއަށް ޖެހި 85 ވަނައަށް އަރާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ މިފަދަ ނިޒާމެއް ގާއިމުވެގެން ދިއުމަކީ ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރާއި ޔަގީންކަން އިތުރުވެގެންދާނެ ކަމެއް ކަމަށެވެ. އަދި ކޮރަޕްޝަން ފަދަ ކުށްތަކަށް އަރައިގަންނަން އޮންނަ ޝައުގު ކުޑަކޮށް، ނައްތާލަން އެޅޭނެ ހަރުދަނާ ފިޔަވަޅެއް. މިއީ ނަޒާހަތްތެރި މުޖުތަމައެއް ބިނާކުރުމަށް އަޅުގަނޑުމެން އެންމެން މި ކުރާ މަސައްކަތަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮރަޕްޝަނަށް ހުޅުވިފަ ހުރި ދޮރުތައް ބަންދުކުރުމާއެކު، ކޮރަޕްޝަނާއި ކުށްކޮށްގެން ހޯދާ ފައިސާ އާއި މުދާ ހޯދޭނެ ހަރުދަނާ ނިޒާމެއް ބޭނުންވާ ކަމަށާއި، އުންމީދުކުރަނީ މި ފެށިގެންދާ މަސައްކަތުގެ ތެރެއިން މިފަދަ ނިޒާމެއް ރާއްޖޭގައި ގާއިމުކުރަން ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެވި، މި ނިޒާމު ގާއިމުކުރަން އެކްޝަން ޕްލޭނެއް އެކުލަވާލެވިގެން ދިއުމަށް ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން އެ އެކްޝަން ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް، ދުރު ނޫން މުސްތަގުބަލެއްގައި މި ނިޒާމުގެ ތެރެއިން މަސައްކަތް ކުރަން ފެށިގެންދާނެ ކަމަށް އަމީރު ވިދާޅުވި އެވެ.