ފަނޑިޔާރުންގެ އިނާޔަތްތައް ބޮޑުކޮށް ބިމާއި ފްލެޓްތައް ދޭވޭގޮތަށް ގާނޫނަށް އިސްލާހު ހުށައަޅައިފި އެވެ.

ފަނޑިޔާރުންނަށް ލިބިދޭ އިނާޔަތްތަކުގެ އޮނިގަނޑު އިސްލާހުކުރުމަށާއި އެނޫންވެސް ބައެއް މުހިންމު އިސްލާހުތައް ގެނައުމަށްޓަކައި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުގެ ފަރާތުން މިއަދު ވަނީ ފޮނުވާފަ އެވެ.

ސަރުކާރުން ހުށައަޅާފައިވާ ބައެއް އިސްލާހުތަކުގެ ތެރޭގައި ފަނޑިޔާރުންގެ ތެރެއިން ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް އެފަދަ ތަނެއް ހޯދޭނެ މަގު ފަހިކޮށްދިނުމަށާއި ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢޫތަކުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ފަނޑިޔާރުންނަށް ކުރިމަތިލެވޭނެ އިންތިޒާމުތައް ހަމަޖައްސަންވާނެ ކަމުގައި ގާނޫނުގައި ކަނޑައެޅުން ހިމެނެ އެވެ.

ފަނޑިޔާރުންނަށް ލިބިދެވޭ ޢިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ލިވިންގ އެލަވަންސް ފަނޑިޔާރުންނަށް ލިބިދެވޭ އުސޫލު އިސްލާހު ކުރަންވެސް ވަނީ ހުށައަޅާފަ އެވެ. އެގޮތުން އެ ލިވިންގ އެލަވަންސްގެ މިންވަރަކީ ފަނޑިޔާރުންގެ އަސާސީ މުސާރައިގެ %35 އަށްވުރެ މަދުނުވާނެ ޢަދަދެއް ކަމުގައި ގާނޫނުގައި ކަނޑައެޅުމަށް ވަނީ ހުށައަޅާފަ އެވެ.

އަދި ފަނޑިޔާރުކަމުގެ މަސައްކަތްތަކުގެ އިތުރުން ފަނޑިޔާރުން ކުރުން ގާނޫނު ހުއްދަކުރާ އެހެން މަސައްކަތަކަށް އުޖޫރަ ބަލައިގަތުމަކީ ގާނޫނުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި ހުއްދަ ކަމެއް ކަމުގައި ކަނޑައެޅުމަށްވެސް ހުށައަޅާފައިވެ އެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރެއިން، މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރު ކަމަށް ބޭނުންވާ ފެންވަރަށް ތަޖުރިބާ ލިބިފައިވާ މީހުން ކަނޑައެޅުމުގައި ޢަމަލުކުރާ އުސޫލު އިސްލާޙުކޮށް، މެޖިސްޓްރޭޓް ކޯޓެއްގެ ނުވަތަ އެހެން ކޯޓެއްގެ ލީގަލް އެސިސްޓެންޓް ކަމުގެ މަގާމުގައި، ނުވަތަ މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުގައި ގާނޫނީ މަސައްކަތްކުރުން ކަނޑައެޅިފައިވާ އެފަދަ އެހެން މަގާމެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާ ފަރާތްތަކަށް އެ މަގާމަށް ކުރިމަތިލެވޭ ގޮތަށް ހަމަޖެއްސުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ.

މީގެ އިތުރުން ފަނޑިޔާރުން އަމިއްލައަށް އެދިގެން ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވޭނެ އުމުރަކީ 65 އަހަރު ކަމުގައި ކަނޑައެޅުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ.