ރިސޯޓެއް ތަރައްގީކުރަން ދޫކުރި ވ. އަތޮޅު އާރަށުގެ މައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީޢަތުގައި މިއަދަށް ތަވާލްކޮށްފައި އޮތް ހެކިބަސް ނެގުން ގާޒީ ޗުއްޓީއަށް ވަޑައިގަތުމުން ކެންސަލްވެއްޖެ އެވެ.

މިއަދަށް ތަވާލްކޮށްފައި އޮތީ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާތާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ހެކިބަސް ނެގުމެވެ.

އެންގެ ފަހުން މި މަހުގެ 23 ވަނަ ދުވަހު އޮތް ހެކިބަސް ނެގުމުގެ ޝަރީއަތް ނިންމަވާލައްވަމުން، އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ ދެ ހެކިވެރިއެއްގެ ހެކިބަސް ނެގުމަށް ތާވަލްކޮށްފައިވާ ޝަރީއަތް އޮންނާނީ މިއަދު ހެނދުނު 9:30 ގައި ކަމަށެވެ.

އެކަމަކު މިއަދު ޝަރީއަތް ބާއްވަން ކުރިން ނިންމި ނަމަވެސް އެނގިފައިވާ ގޮތުގައި ގާޒީ ވަނީ އަންނަ މަހުގެ ހަވަނަ ދުވަހާ ހަމައަށް ޗުއްޓީއެއް ނަންގަވައިފަ އެވެ.

އަދީބާއި ޒިޔަތުގެ ހެކިބަސް އެއްކޮށް ނަގަން ނިންމީ ޒިޔަތުގެ ހެކިބަސް ނަގަން މި މަހުގެ 15 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ދިފާއީ ވަކީލުންގެ ފަރާތުން އެގޮތަށް އެދުމުންނެވެ.

އެ މައްސަލައިގައި ދެން ދައުލަތުން ދައުވާ ކުރާ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމާއި ރައީސް ޔާމީންގެ ވަކީލުންވެސް އެގޮތަށް އެދުނު ސަބަބެއް ކަމަށް ބުނެފައިވަނީ ޒިޔަތާއި އަދީބުގެ ހެކިބަސް ދެ ތާރީހެއްގައި ނަގައިފި ނަމަ، އެއް ހެކިވެރިއެއްގެ ފަރާތުން އަނެއް ހެކިވެރިޔާ ބުނާ ބަސްތައް ބަލައި އެ ހެކިވެރިއެއްގެ ބަސްތައް ވަކި ގޮތަކަށް ފަރުމާ ކުރުމުގެ ފުރުސަތު ލިބޭތީ އެވެ.

އެކަމަށް އިއުތިރާޒު ނުކޮށް ދައުލަތުން ބުނީ އެ މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުންތައް ކުރިއަށްދާއިރު، އަޑުއެހުން ބޭއްވޭ ކޮންމެ ދުވަހަކު ހާޒިރުކުރެވޭނީ އެއް ހެކިވެރިއެއްކަން ޝަރީއަތުން ކުރިން އިއުލާނުކޮށްފައިވާ ކަމަށެވެ. އަދި އެ ދެ ހެކިން އެއްކޮށް ހާޒިރުކޮށްދޭން ދިފާއުން އެދިފައިވާކަން ކުރިން ދައުލަތަށް އެނގިފައި ނުވާ ކަމަށް ދައުލަތުން ބުންޏެވެ.

އެކަމަކު ދިފާއުން އެދުން ގޮތަށް ދައުލަތުން އިއުތިރާޒު ނުކުރާތީ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ނިންމެވީ އަދީބާއި ޒިޔަތުގެ ހެކިބަސް އެއްކޮށް ނެގުމަށެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ. ދެ ބޭފުޅުންގެ ޝަރީއަތް ކުރިއަށް ގެންދަނީ އެއްކޮށެވެ.