ބޮލީވުޑް މަޝްހޫރު އެކްޓަރުންތަކެއްގެ ދަރިން އެއްފަހަރާ ފިލްމީ ދާއިރާއަށް ނިކުންނަ ފިލްމު "ދަ އާޗީސް" އަންނަ އަހަރު ނެޓްފްލިކްސްގައި ރިލީޒްކުރުމަށް ނިންމައިފި އެވެ.
ނެޓްފްލިކްސް އާއި މަޝްހޫރު ޑައިރެކްޓަރު ޒޯޔާ އަޚްތަރު ގުޅިގެން އުފައްދާ އެ ފިލްމުގައި ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާން އާއި އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތުޔާ ނަންދާއާއި މަޝްހޫރު ބަތަލާ ސްރީދޭވީގެ ދަރިފުޅު ޚުޝީ ކަޕޫރު ވެސް މި ފިލްމުން ފެނިގެންދާނެއެވެ. އެއާއެކު މި ފިލްމު ވެގެންދާނީ ގިނަ އާ ފަންނާނުންތަކެއް ފެނިގެންދާ ފިލްމަށެވެ. މިއީ އާންމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ކޮމިކް ސީރީޒް "ދަ އާޗީސް"އަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
މިފިލްމު އަންނަ އަހަރު ނެޓްފްލިކްސްއިން ރިލީޒްކުރުމަށް ނިންމާފައިވާއިރު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ޑައިރެކްޓަރު ޒޯޔާ ބުނީ މި ކޮމިކް ބުކް ގެ ކެރެކްޓާތަކަކީ ދުނިޔޭގެ އެންމެން ވެސް ދަންނަ ކެރެކްޓާތަކަކަށްވުމުން މި ކެރެކްޓާތަކަށް ފީޗާ ފިލްމެއް ހެދުމަކީ ބޮޑު ޗެލެންޖެއް ކަމަށާއި އެ ކެރެކްޓާތައް އެންމެ ފުރިހަމަ ގޮތެއްގައި އާންމުންނާ ހަމައަށް އެންމެ ފުރިހަމައަށް ގެނެސްދިނުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.
ޒޯޔާގެ އެންމެ ފަހުގެ ފިލްމަކީ 2020 ގެ އޮސްކާ އެވޯޑަށް އިންޑިއާ ފޮނުވި 2019 ގެ "ގަލީ ބޯއި" އެވެ. އޭނަ ޑައިރެކްޓްކުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ޒިންދަގީ ނާ މިލޭގީ ދުބާރާ" އަދި "ދިލް ދަޅަކް ނޭ ދޯ" ހިމެނެ އެވެ.