ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތް ކުރުމަށް ސަލާމަތީ ބާރުތަކާއި، ކަމާ ގުޅުންހުރި އިދާރާތަކުން ގުޅިގެން ޚާއްސަ ފައުޖެއް އުފެއްދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދެވެ.

ވަޙީދު ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ ރާއްޖޭގައި ހަރުކަށި ފިކުރަށް ޖާގަލިބޭ ގޮތަށް ހިންގޭ އަމަލުތައް ހުއްޓުވުމަކީ ދައުލަތުން ގުޅިގެން ކުރަންޖެހިފައިވާ މުހިންމު މައްސަލައެއް ކަމަށެވެ. އިސްލާމްދީނުގެ ނަމުގައި އަނިޔާވެރި ޢަމަލުތައް ހިންގާ ހަރުކަށި ހައްދުފަހަނަ އަޅާފައިވާ މީހުން މަރަން ފަސް ނުޖެހޭ 1،400 މީހުން ރާއްޖޭގައި ތިބިކަމަށް ކަމިޝަނަ އޮފް ޕޮލިސް ވިދާޅުވެފައިވާމަށް ވަހީދު ހުށައެޅުއްވި މައްސަލާގައިވެ އެވެ.

ހަރުކަށި ފިކުރުގެ ނުރައްކާތެރިކަން ކުޑަކުރުމަށްޓަކައި މަސައްކަތް ކުރުމަށް ކުރަންޖެހޭ މަސައްކަތް އިތުރު ކުރަންޖެހެނީ މިފަދަ އަމަލުތައް ދުވަހެއް ދުވަހަށް އިތުރުވަމުންދާތީ ކަމަށް ވެސް ވަހީދުގެ މައްސަލާގައި ބުނެފައިވެ އެވެ. މިފަދަ ކުށްތައް ހިންގާ މީހުންގެ މައުލޫމާތު ސަލާމަތީ ބާރުތަކުގައި ހުރެ އެފަދަ ފަރާތްތަކާމެދު އެކަށީގެން ފިޔަވަޅު އެޅުމަށް ވެސް މައްސަލާގައި ވަނީ ގޮވާލާފަ އެވެ.

ހަރުކަށި ފިކުރުގެ އަމަލުތައް ހިންގާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމުގައި މުވައްސަސާތައް ފަހަތު ފަޔަށް ބުރަވެފައިވާތީ އާހިތްވަރަކާއިއެކު މިކަމާ ކުރިމަތި ލުމަށްޓަކައި ސިފައިންނާއި ފުލުހުން އަދި ތަންފީޒީ ކަންކަން ހިންގުމުގެ ޒިންމާ އޮތް އިދާރާތަކުގެ ކޮމާޑެއްގެ ދަށުން އެކުލެވޭ ޚާއްސަ ފައުޖެއް ވެސް އެކުލަވާލުމަށް މައްސަލާގައި ވަނީ ގޮވާލާފަ އެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން ދިވެހި ރާއްޖޭގައި ދީނީ ތައުލީމު ދިނުމާއި ދީނީ ވައުޟާއި ނަސޭހަތް ދިނުމުގެ ކަންކަން ހިންގާނީ އިސްލާމީ ދުނިޔޭގެ މަޝްހޫރު ބޮޑެތި ގިނަ އިލްމުވެރިން އިއްތިފާގުވެ މެދުމިނެއްގެ އިންތަކުގެ ތެރޭގައިކަން ކަށަވަރު ކުރުމުގެ މަސައްކަތް އިތުރަށް ބާރަށް ހިންގުމަށް ވެސް މިމައްސަލާގައިވަނީ ގޮވާލާފަ އެވެ.