މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިވާން މަޖުބޫރުކުރާ ކަމަށް ބުނެ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް މަގާމުން ވަކިކުރުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ހުށައެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ޖާބިރު ހުށައެޅުއްވި މައްސަލައިގައި ވަނީ އެމްޓީސީސީގައި މަސައްކަތް ކުރަމުން އަންނަ ބައެއް މުއައްޒަފުންނަށް ވަޒީފާއިން ވަކިވުމަށް މަޖުބޫރު ކުރުމާއި، އަދި އެއްވެސް މައްސަލައެއް ނެތި އާދަމް އާޒިމް މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން އަންނަ ކަމަށެވެ. އަދި އާޒިމް ބޭނުންވާ ފަރާތަކަށް ވަޒީފާދީ އޭނާ ބޭނުންވާ މީހަކު ވަޒީފާއިން ވަކިކޮށް ސަރުކާރުގެ ވައުދާއި ހިލާފަށް ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ސިއީއޯ އަކަށް ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަ ފަރާތަކުން ކުރާ އެ ޢަމަލަކީ މި ހިނދުން މިހިނދަށް ހުއްޓާލަންޖެހޭ އަލަކަށް ވާތީ އެކަން ހުއްޓުވުމަށް ވެސް ގޮވާލާފައިވެ އެވެ.

އާޒިމް ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކަކީ ކޮބައިތޯ މަޖިލީހުން ބައްލަވައި އެފަރާތްތަކަށް އިންސާފު ހޯދައިދޭން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ޖާބިރު ވިދާޅުވެފައިވެ އެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް (މ)ގައި . ފޮޓޯ: އެމްޓީސީސީ

މީގެ އިތުރުން އޭނާ އެސްޓީއޯ ހިންގެވުމާ ހަވާލުވެގެން ހުންނެވި އިރު އެސްޓީއޯގެ ހަތަރު މުވައްޒަފެއް ބޭ އިންސާފުން ވަޒީފާއިން ވަކިކޮށްފައިވާކަމަށާއި، އެ ހަތަރު ފަރާތަށް ހަތަރު މިލިއަން ފަސްލައްކަ ރުފިޔާ ދައުލަތުން ދޭން ޖެހިފައި އޮތް ކަމަށް ވެސް ޖާބިރު ވިދާޅުވެފައި ވެ އެވެ.

ޖާބިރުގެ މިމައްސަލަ ހުށައެޅުއްވީ ވަޒީފާގެ ބިރުވެރިކަން ނައްތާލާ އަމާންވެއްޓެއް ހޯދައި ދިނުމަށް ކަމަށާއި މިފަދަ ޢަމަލުތައް އިތުރަށް ތަކުރާރު ނުވާނެ ގޮތުގެ މަތިން މިކަންކަން ރަނގަޅަށް ބަލާއިންސާފު ޤާއިމްކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅު ވަގުތު ވަގުތަށް އެޅުއްވުމަށް ވެސް ސަރުކާރުން ގޮވާލާފައިވެ އެވެ.

މި ކުއްލި މައްސަލަ ޖާބިރު ހުށައެޅުއްވުމުން ބަލައިގަތުމަށް ފާސްނުވެ މައްސަލަ ވަނީ ތަޅުމުން ބޭރުކޮށްލާފަ އެވެ. މީގެ އިތުރުން އިންސާފު ލިބުން ލަސްވާތީ އިންސާފު ލިބުން އަވަސްކުރުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މިއަދު މަޖިލީހަށް ހުށައެޅުއްވި މައްސަލަވެސް ވަނީ ތަޅުމުން ބޭރު ކޮށްލާފަ އެވެ.