މާލޭ ހެންވޭރު ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ.ފުވައްމުލަކު, ކުރި, މަރިޔަމް ޝިއާއު މުޙައްމަދު ސަޢީދު (22) ގެ މަރުގެ މައްސަލައިގެ ތަހްގީގު ނިމިފައިވާ ކަމަށާއި އެ މައްސަލަ ޝަރީޢަތަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ހާމަ ކޮށްފި އެވެ.

ފުލުހުން ބުނީ ޝިއާގެ ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާ ލިބިފައިވާ ކަމަށާއި ފޮރެންސިކް ތަހްލީލުތައް ކުރަމުންދާ ކަމަށެވެ.

ޕޯސްޓް މޯޓަމްގެ ވަގުތީ ނަތީޖާ މިދިޔަ މަހުގެ 17 ވަނަ ދުވަހު ލިބިފައިވާ އިރު އެކަމާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ވަރަށް އަނިޔާވެރިކޮށް އޭނާ މަރާލާފައި އޮއްވާ ފެނުނީ ހ. ޝީރީން ވިލާގެ ނުވަ ވަނަ ފަންގިފިލާއިން މިދިޔަ އޮގަސްޓް މަހުގެ ހަވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ޝިއާގެ މަރާއި ގުޅިގެން ސީނުން ވަނީ ފ. ނިލަންދޫއަށް ނިސްބަތްވާ ޒުވާން ސްކޭޓަރު އަލީ ޝާހިލް ހައްޔަރު ކޮށްފައެވެ.

ޝިއާ މަރާލި މައްސަލައާއި ގުޅިގެން މީގެ ކުރިން ފުލުހުން ބުނެފައިވަނީ ޝިއާ މަރާލަން ޝާހިލް ބޭނުން ކުރި ކަމަށް ބެލެވޭ ހަތިޔާރުތަކެއް އެގެއިން ފެނިފައިވާ ކަމަށެވެ. އަދި އެހާދިސާ ހިނގިއިރު، ޝާހިލް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ. މިމައްސަލައާއި ގުޅިގެން ޝާހިލް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.