ވ. އާރަށުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ އާއި ގުޅިގެން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާތާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހެކިބަސް ނަގައިފި އެވެ.

އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނަތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑާކުރުމާއި ރިޝްވަތު ގަބޫލުކުރިކަމުގެ ކުށުގެ ދައުވާ އެވެ.

މި ދައުވާގައި ބުނެފައިވަނީ އާރަށް ކުށްޔަށް ދިނުމުން ރައީސް ޔާމީނަށް އެއްމިލިޔަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ޔޫސުފް ނައީމް ދެއްވި ކަމަށެވެ.

މި މައްސަލާގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވަމުން ކުރީގެ ނައިބް ރައީސް އަދީބް އާރަށުގެ މުއާމަލާތް ފެށިފައި ވަނީ ޔޫސުފް ނައީމް އޭނާގެ ގާތު އާރަށަށް އިންވެސްޓް ކުރާނެ ބަޔަކު ތިބިކަމަށް ބުނެ ވާހަކަ ދެއްކި ހިސާބުން ކަމަށެވެ. ނަމަވެސް އެ ރަށަކީ ފިޝަރީޒް މިނިސްޓްރީގެ ދަށުގައި އޮތް ރަށަކަށްވުމުން ކޮށްދެވޭނެ ކަމެއް ނެތް ކަމަށް ދަންނަވާފައިވާނެ ކަމަށް އަދީބް ވިދާޅުވި އެވެ.

މި މުއާމަލާތް މިހެން ހިގާފައިވަނިކޮށް ރައީސް ޔާމީން އޭނާއަށް ގުޅުއްވައި އެރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ގެންގެވުމަށް ދެންނެވި ކަމަށެވެ. އަދި އެރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލު ކުރުމަށް، އޭރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އުފައްދަވާފައިވާ އިކޮނޮމިކް ކައުންސިލަށް ހުށަހަޅައި، އެރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާރަށް ކުއްޔަށް ދިނުމަށް ފުރަތަމަ ކުރެވުނު މަޝްވަރާތަކުގައި ނިންމީ ފަސް މިލިޔަން ޑޮރަލަށް ދޭށެވެ. ނަމަވެސް އެ އަގު ބޮޑުވެގެން ތިން މިލިޔަން ޑޮލަރަށް ކުޑަކޮށް ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ކުންފުންޏަކަށް ރަށް ދޭން ރައީސް ޔާމީން އެންގެވި ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމާ ހަމައަށް ދިޔައިރު އަގު ދެމިލިޔަން ޑޮލަރަށް ކުޑަކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެ އަގަށް ކަމަށް އަދީބު ވިދާޅުވި އެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު އޭގެ ތެރެއިން އެއް މިލިއަން ޑޮލަރު ރައީސް ޔާމީނަށް ދެއްވި ކަމަށް ޔޫސުފް ނައީމް އޭނާގެ ގާތުގައި ވިދާޅުވެފައިވާ ކަމަށް ވެސް އަދީބު ވަނީ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފަ އެވެ.

އަދީބް ވިދާޅުވީ ރައީސް ޔާމީން އެކި މުއާމަލާތްތަކުގައި އާންމު އުސޫލުން ބޭރުން ކަންކަން ކުރުމަށް އޭނާއަށް އިރުޝާދު ދެއްވަމުން ގެންދެވި ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީން ފައިސާ ނެންގެވުމަށާއި، އިކޮނޮމިކް ކައުންސިލުން ވަކި ގޮތަކަށް ކަންކަން ނިންމުމަށް ނުފޫޒު ފޯރުވަމުން ގެންދެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި އަދީބާއި ސުވާލުކުރަން ލިބުނު ފުރުސަތުގައި ރައީސް ޔާމީންގެ ވަކީލުންނާއި ޔޫސުފް ނައީމްގެ ވަކީލުން ވެސް ވިދާޅުވީ އަދީބަކީ އަދުލުވެރިކަން ގެއްލިފައިވާ ހެކިވެރިއަކަށް ވާތީ އޭނާއާއި ކުރާނެ ސުވާލެއް ނެތް ކަމަށެވެ.

އަދީބު ކުރިން މިއަދުގެ ޝަރީއަތުގައި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތު ވަނީ ހެކިބަސް ދެއްވާފަ އެވެ. އެ މަޖިލީހުގައި އަދީބު އަދި ޒިޔަތާ ދެމެދު ދައުލަތުން ހަދާފައިވާ އެއްބަސްވުން ހާމަކޮށްދިނުމަށް ދިފާއުން އެދުނު ނަމަވެސް އެއީ މި މައްސަލަ އާއި ގުޅުންހުރި ކަމެއް ނޫން ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލާގައި މިހާރު ކުރިއަށްގެންދާ ހެކިބަސްނެގުމުގެ މަރުހަލާގައި މިހާތަނަށް ނަގާފައިވަނީ ދައުލަތުން ހުށައަޅާފައިވާ އަށް ހެކިވެރިއެއްގެ ހެކިބަހެވެ. މި މައްސަލާގައި މާދަމާ ނެގުމަށް ހަމަޖެހިފައިވަނީ ދިފާޢުން ހުށައަޅާ ހެކިންގެ ހެކިބަސްކަމަށް ޝަރީޢަތުން މިއަދު ނިންމަވާފައިވެ އެވެ.