ލޯކަލް ކައުންސިލްތަކާއި އަންހެންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުން ހޮވާ ގޮޑިތަކަށް ބާއްވާ އިންތިޚާބުތައް އަހަރަކު އެއްފަރު ބާއްވާ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ލޯކަލް ކައުންސިލްތަކުގެ ގާނޫނަށާއި، އިންތިޚާބާއި ބެހޭ ގާނޫނަށް މި އިސްލާހުތައް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަފީގެވެ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުތައް ކައިރިކަރީގައި ބާއްވަން ޖެހުމަކީ އިލެކްޝަންސް ކޮމިޝަނުން ވެސް ކަންބޮޑުވުން ފާޅުކުރާ މައްސަލައެކެވެ. އިންތިޚާބުވާ ކައުންސިލަރުންނާއި، އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާދީފިނަމަ 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

މެމްބަރު ޝަފީގު ހުށަހެޅުއްވި އިސްލާހުގައި ޤާނޫނުގައި މިހާރު ބުނެފައިވާ މުއްދަތަށް ބަދަލު ގެނައުމަށް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން އިންތިޚާބެއް ބާއްވަން ޖެހިއްޖެނަމަ 365 ދުވަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް ވަނީ ހުށަހަޅާފަ އެވެ. ދެ ބައި އިލެކްޝަނެއްގެ ދެމެދުގައިވާ މުއްދަތު 365 ދުވަހަށްވުރެ ދިގު އަދި 300 ދުވަހަށްވުރެ ކުރުވެގެން ނުވާނެކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

ލޯކަލް ކައުންސިލްތަކުގެ ގާނޫނަށާއި، އިންތިޚާބާއި ބެހޭ ގާނޫނަށް މެމްބަރު ޝަފީގު އިސްލާހު ހުށަހަޅާފައިވާއިރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ކޯރަމް ނުގެއްލޭ ކަމުގައިވާނަމަ، ބައި އިލެކްޝަންތައް ކޮންމެ އަހަރަކުވެސް އެއްފަހަރާ ވަކި ތާރީޚެއްގައި ބޭއްވުމަށް ގާނޫނަށް އިސްލާހު ހުށަހެޅުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވެސް ވަނީ ހުށަހަޅުއްވާފަ އެވެ.

ރޮޒޭނާ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބުތައް ހިންގަނީ، އިލެކްޝަންގެ އިރުޝާދުގެ ބެއްލެވުގެ ދަށުން އެއަންހެނުންގެ ކޮމެޓީއެއް ނިސްބަތްވާ އަތޮޅު ކައުންސިލަކުން ކަމަށެވެ. އިންތިޚާބުތައް ބާއްވާނީ އަންހެނުންގެ ކޮމެޓީތަކުގެ ކޯރަމް ނުގެއްލޭނަމަ ކޮންމެ އަހަރަކު އެއްފަހަރު ކަމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވެ އެވެ.

ގާތް ގާތުގައި އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބުތަކާއި، ލޯކަލް ކައުންސިލް އިންތިޚާބުތައް ބާއްވަންޖެހުމަކީ އިލެކްޝަންސް ކޮމިޝަނުން ބޮޑު ހޭދައެއް ކުރަންޖެހޭކަމެކެެވެ. ނަމަވެސް ގާނޫނަށް ގެނެވޭ މިއިސްލާހުތަކާއެކު އިންތިޚާބުތަކަށް ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ބުނެފައިވެ އެވެ.