މިދިޔަ މަހުގައި ޕްރިސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް 271 މައްސަލައެއް ހުށަހަޅާފައިވާއިރު 235 މައްސަލައެއްގައި ދައުވާ އުފުލާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

މިދިޔަ މަހު ޕީޖީ އޮފީހުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސް ހިސާބު މިއަދު އާންމުކޮށްފައިވާއިރު މިދިޔަ މަހު އެ އެ އޮފީހަށް 271 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެތެރެއިން ދައުވާކުރުމަށް ކޯޓުތަކަށް ފޮނުވާފައިވަނީ 235 މައްސަލައެކެވެ.

ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ މައްސަލައަކީ މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަ އެވެ. މިއީ ހުށަހެޅުނު މައްސަލަތަކުގެ 53 އިންސައްތަ އެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ގިނަވަމުން އަންނައިރު މިދިޔަ މަހު ޑްރަގް ކޯޓުން ޖުމްލަ 98 މައްސަލައެއް ބަލައި ނިންމާފައިވެ އެވެ.

މިދިޔަ މަހު އެންމެ ގިނަ ދައުވާތައް ހުށަހަޅާފައިވަނީ ޑްރަގް ކޯޓަށެވެ. އެ ކޯޓަށް 63 މައްސަލައެއް ހުށަހަޅާފައިވާއިރު، 62 މައްސަލައާއެކު ދެވަނައަށް އެންމެ ގިނަ ދައުވާ ހުށަހަޅާފައިވަނީ ކްރިމިނަލް ކޯޓަށެވެ.

އަދި ޕީޖީ އޮފީހަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 138 މައްސަލައެއް އިތުރަށް މައުލޫމާތު ސާފުކުރަން އަނބުރާ ފޮނުވާލި ކަމަށާއި އެ އޮފީހަށް ބަލައިގެންފައި ވަނީ 76 މައްސަލައެއް ކަމަށް އެއޮފީހުން ހާމަކުރެ އެވެ.

އޮގަސްޓަ މަހު މަހު ހުކުމްކުރި މައްސަލަތަކުގެ ތެރެއިން 36 މައްސަލައިގައި ކުށް ސާބިތުނުވާ ކަމަށް ކޯޓުތަކުން ހުކުމްކުރި އިރު، އެއީ ހުކުމްކުރި މައްސަލަތަކުގެ 25 ޕަސަންޓު ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

ފުލުހުންގެ ފަރާތުން 268 މައްސަލައެއްގައި ދައުވާކޮށްދޭން ފޮނުވާފައިވާ ކަމަށާއި މޯލްޑިވްސް ކަސްޓަމް ސާވިސްއިން ފޮނުވާފައިވަނީ ދެ މައްސަލައެއް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އެންމެ މައްސަލައެއް ކަމަށް އެ އޮފީހުން ބުންޏެވެ.