މުޅި ދުނިޔޭގައި ވެސް ބޮޑު މަޝްހޫރު ކަމެއް ހޯދި ސްރީލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީގެ "މަނިކެ މަގޭ ހިތޭ" ގެ ހިންދީ ވާޝަން ރިލީޒްކުރުމުން ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

އިއްޔެ "މަނިކޭ މަގޭ ހިތޭ"ގެ ހިންދީ ލަވަ ހިމަނާފައިވަނީ އަޖޭ ދޭވްގަންގެ ކުރިއަށްއޮތް ފެންޓަސީ ކޮމެޑީ ފިލްމު "ތޭންކް ގޯޑް"ގަ އެވެ. ލަވައިގެ ހިންދީ ލަވަ ކިޔާފައިވަނީ ޔޮހާނީ އާއި މިހާރު އިންޑިއާގައި އަރަމުން އަންނަ ތަރި ޖުބިން ނައުޓިޔަލާއި ސޫރިޔާ ރަގުންނަތާނެވެ. ލަވައިގެ ވީޑިއޯއިން ފެނިގެންދާނީ ނޯރާ ފަތޭހީއާއި ސިދާތު މަލޯތްރާ އެވެ.

ލަވަތަކުގައި ވަރުގަދަ ނެށުންތަކެއް ދައްކުވައިގެން އާންމުންގެ ސަމާލުކަން ހޯދި ނޯރާގެ "މަނިކެ" ލަވައިގެ ކޮރިއޯ ހެދީ މަޝްހޫރު ކޮރިއޮގްރާފަރު ގަނޭޝް ހެގްލޭ އެވެ.

މިހާތަނަށް އައިރު މިލަވައަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު ތިން މިލިއަން މީހުންނަށް ވުރެ ގިނައިން މިލަވަ ވަނީ ބަލާފަ އެވެ.

https://www.youtube.com/watch?v=_B6T8O15Ohk&t=1s

ނޯރާއާއި ސިދާތު އެންމެ ފުރަތަމަ އެކުގައި ފެނިގެންގޮސްފައިވަނީ 2019 ވަނަ އަހަރު ރިލީޒްކުރި ސިދާތާއި ތާރާ ސުތާރީއާއެކުގައި ފެނުނު "މަރުޖާވާން"ގައި ހިމެނޭ އައިޓަމް ސޯންގް "އެކް ތޯ ކަމް ޒިންދަގާނީ" އިންނެވެ. މި ލަވަ ވެސް ގިނަ ބަޔަކަށް ކަމުގޮސްފައިވެ އެވެ.

އަޖޭގެ ކުރިއަށް އޮތް ފިލްމް "ތޭންކް ގޯޑް" ސިނަމާތަކަށް އަންނަނީ އަންނަމަހުގެ 24 ގަ އެވެ. މި ފިލްމުގައި އަޖޭގެ އިތުރުން، ސިދާތާއި، ރާކުލް ޕްރީތު ސިންގާއި، ނޯރާ މުހިއްމު ރޯލުތަކުން ފެނިގެންދާނެ އެވެ.